މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލް ޓީމާއިއެކު ގަތަރަށް ދަތުރުކުރާނެ 26 ކުޅުންތެރިން ފައިނަލް ކޮށްފިއެވެ.

ޔޫރަޕުގެ ބޮޑެތި ޓީމްތަކަށް ކުޅެމުން އަންނަ ގިނަ މަޝްހޫރު މޮޅެތި ކުޅުންތެރިންނާއި އެކު ފައިނަލް ކޮށްފައިވާ ބްރެޒިލްގެ ސްކޮޑުގައި، އެންމެ ފާހަގަ ކޮށްލެވެނީ ގިނަ އަދަދެއްގެ މޮޅެތި އެޓޭކިން ކުޅުންތެރިންތަކެއް ހިމަނާފައި ވާކަމެވެ. މިގޮތުން ޕީއެސްޖީގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޭމާއާއި، ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިނީސިއަސް އަދި ރޮޑްރިގޯގެ އިތުރުން އާސެނަލްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މާޓިނޭލީ އަދި ޖީސަސް ވަނީ ހިމަނާފައެވެ. މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންތަނީ، ބާސާއަށް ކުޅެމުން އަންނަ ރަފީނިއާ، ޓޮޓެންހަމްއަށް ކުޅެމުން އަންނަ ރިޗާލިޝަންގެ އިތުރުން ބްރެޒިލްގެ ފްލެމިންގޯއަށް ކުޅެމުން އަންނަ ޕެޑްރޯ ވަނީ ހިމަނާފައެވެ.

Ad
rt

ގޯލް ކީޕަރުންގެ ތެރޭގައި ލިވަޕޫލުގެ ގޯލު ބަލަހައްޓަމުން އަންނަ އެލިސަން ބެކާއާއި، މެންޗެސްޓާ ސިޓީގެ އެއް ނަމްބަރު ކީޕަރު އެޑަސަންގެ އިތުރުން ބްރެޒިލްގެ ޕަލްމެއިރަސްއަށް ކުޅެމުން އަންނަ ވެވާޓަން ހިމެނެއެވެ.

ޑިފެންސް ކުޅުންތެރިންގެ ގޮތުގައި ހިމަނާފައި ވަނީ ޗެލްސީއަށް ކުޅެމުން އަންނަ ތިއާގޯ ސިލްވާ، ޕީއެސްޖީއަށް ކުޅެމުން އަންނަ މާކީނިއޯސް، ރެއާލަށް ކުޅެމުން އަންނަ މިލިއާޓޯ، ޔުވެންޓަސްއަށް ކުޅެމުން އަންނަ ބްރެމާއާއި ޑަނީލޯގެ އިތުރުން އަލެކްސް ސަންޑްރޯ، ސެވިއްޔާއަށް ކުޅެމުން އަންނަ އެލެކްސް ޓެލެސްގެ އިތުރުން ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރ ޑެނިއަލް އަލަވޭސްއެވެ.

މިޑްފީލްޑަރުންގެ ގޮތުގައި ހިމަނާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ އަދި ފްރެޑް، ލިވަޕޫލަށް ކުޅެމުން އަންނަ ފަބީނިއޯ، ނިއުކާސަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރޫނޯ ގުއިމަރޭސް، ވެސްޓްހޭމްގެ ލޫކަސް ޕަކުއޭޓާގެ އިތުރުން ބްރެޒިލްގެ ފްލެމިންގޯއަށް ކުޅެމުން އަންނަ އެވަޓަންއެވެ.

މި އަހަރު ވެސް ބްރެޒިލްގެ ކޯޗެއްގެ ގޮތުގައި ހުންނާނީ ޓީޓޭއެވެ. 2016 ވަނަ އަހަރުން ފަށައިގެން ބްރެޒިލްގެ ކޯޗުގެ މަޤާމް ފުރަމުން އަންނަނީ ޓީޓޭއެވެ.

މިފަހަރު މުބާރާތުގައި ބްރެޒިލް އޮތީ ގްރޫޕް ޖީގައެވެ. އެ ގްރޫޕްގައި ބްރެޒިލްގެ އިތުރުން ހިމެނެނީ ސްވިޒަލެންޑާއި، ސާބިއާގެ އިތުރުން ކެމަރޫންއެވެ.

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ބްރެޒިލް

ބްރެޒިލް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކުރުމުގެ ހަމައެކަނި ޝަރަފު އޮތީ ވެސް ބްރެޒިލް އަށެވެ.މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައި ވަނީ ވެސް އެ ގައުމެވެ. އެގައުމުން ވަނީ ފަސް ފަހަރު ވޯލްޑް ކާމިޔާބު ކޮށްފައެވެ. އެއީ 1958، 1962، 1970 ،1994 އަދި 2002ގެ ވޯލްޑް ކަޕް އެވެ.