ބްރެޒިލް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކުރުމުގެ ހަމައެކަނި ޝަރަފު އޮތީ ވެސް ބްރެޒިލް އަށެވެ.މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައި ވަނީ ވެސް އެ ގައުމެވެ. އެގައުމުން ވަނީ ފަސް ފަހަރު ވޯލްޑް ކާމިޔާބު ކޮށްފައެވެ. އެއީ 1958، 1962، 1970 ،1994 އަދި 2002ގެ ވޯލްޑް ކަޕް އެވެ.
ނަމަވެސް 2002 ވަނަ އަހަރަށް ފަހު ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ބްރެޒިލަށް އުންމީދުކުރި ފެންވަރުގެ ކާމިޔާބެއް ނުލިބެ އެވެ. އަމިއްލަ ގައުމުގައި 2014 ގައި އޮތް މުބާރާތަށް ފޮނި އުންމީދަކާ އެކު ނިކުތް ނަމަވެސް، ސެމީ ފައިނަލްގައި ޖަރުމަން އަތުން ބަލިވީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ބްރެޒިލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް ކުރިމަތިލާން ޖެހުނު އެންމެ ލަދުވެތި ނަތީޖާ އެވެ. އެފަހަރުގެ މުބާރާތުގެ ހަތަރުވަނަ ބްރެޒިލް އަށް ލިބުނުއިރު، އެންމެ ފަހުން2018 ވަނަ އހަރު ރަޝިއާގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލަށް ބްރެޒިލް ދަތުރުކުރިއެވެ.
ކޮލިފައިވީ ގޮތް
ބްރެޒިލް އަކީ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ދެކުނު އެކެރިކާ ސަރަހައްދުގެ ފުރަތަމަ ގައުމެވެ. ކޮލިފައިންގައި ކޮލިފައިންގައި ބްރެޒިލް ކުޅުނު 17 މެޗުގެ ތެރެއިން 14 މެޗުން މޮޅުވި އެވެ. ތިން މެޗުން އެއްވަރުވިިއިރު، އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
މުހިންމު ކުޅުންތެރިން
ނޭމާ

ބްރެޒިލްގެ ތަރި އަކީ ނޭމާ އެވެ. މި ވަގުތު ބްރެޒިލް އުންމީދުތައް ގުޅިފައިވަނީ އޭނާއާ އެވެ. ބްރެޒިލްގެ ސަންތޯސް އިން ކެރިއަރު ފެށި ނޭމާ މިހާރު ކުޅެމުން އަންނަނީ ފްރާންސްގެ ޕީއެސްޖީއަށެވެ. ސްޕެއިންގެ ބާސެލާނާއަށް މީގެ ކުރިން ކުޅުނެވެ. ނޭމާ ވަނީ އެކުލަބާއި އެކު ޗެމްޕިއަންސް ލީގު އަދި ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. ނޭމާ ބްރެޒިލްގެ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުގައެވެ. އޭނާ ވަނީ 2014 ވަނަ އހަރުގެ ވޯލްޑް ކަޕާއި 2018 ފެ ވޯލްޑް ކަޕުގައިވެސް ކުޅެފައެވެ. ނޭމާ ވަނީ މިހާތަނަށް ބްރެޒިލް ޓީމަށް 121 މެޗު ކުޅެދީ 75 ގޯލު ޖަހައިދީފައެވެ.
ތިއާގޯ ސިލްވާ

ބްރެޒިލްގެ ޑިފެންސް ލައިންގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ އުމުރުން 38 އަހަރުގެ ތިއާގޯ ސިލްވާ އެވެ. މިހާރު ޗެލްސީގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިލްވާ ބްރެޒިލްގެ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުގައެވެ. އޭނާ ބްރެޒިލްގެ ގައުމީ ޓީމަށް 109 މެޗު ކުޅެދީ ހަތް ގޯލު ޖަހައިދީފައެވެ. ސިލްވާ އަކީ 2010 އަދި 2014ގެ ވޯލްޑް ކަޕްގައި ބްރެޒިލް ތަމްސީލްކުރި ކުޅުންތެރިއެކެވެ.
ކޯޗު

ބްރެޒިލްގެ ކޯޗުކަމާ ޓީޓޭ ހަވާލުވީ 2016 ވަނަ އަހަރެވެ. އޭނާ އެ މަގާމާ ހަވާލުވިއިރު، އެ ޓީމު އޮތީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ތާވަލްގެ ހަ ވަނައިގަ އެވެ. އެކަމަކު ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލަށް ބޮޑެތި ކުރިއެރުންތައް ހޯދައި ވޯލްޑް ކަޕަށް ކޮލިފައިވިއެވެ. އަދި ޖެހިގެން އައި 2018 ވަނަ އހަރުގެ ވޯލްޑް ކަޕަށް ވެސް ބްރެޒިލް ކޮލިފައިވީ ފަސޭހަ ކަމާއި އެކުގައެވެ. އޭނާ ވަނީ 2018 ގެ ވޯލްޑް ކަޕުް ކުއާޓާ ފައިނަލަށް ބްރެޒިލް ގެންގޮސްދީފައެވެ.
ކޯޗިން ކެރިއަރުގައި ޓީޓޭ މީގެ ކުރިން ބްރެޒިލް އާއި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކޯޗުކޮށްދިނެވެ. ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ޓީޓޭ ހުރީ ބްރެޒިލްގެ ކޮރިންތިއަންސްގެ ކޯޗަކަށެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ޓީޓޭ ބްރެޒިލް ޓީމާއި އެކު ނިކުންނަ ދެވަނަ ވޯލްޑް ކަޕެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ގުރޫޕް ޖީގެ ފޭވަރިޓަކީ ބްރެޒިލް އެވެ. މި ގުރޫޕްގައި ބްރެޒިލްއާ އެކު އޮތީ ސާބިއާ، ސްވިޒަލެންޑް އަދި ކެމަރޫން އެވެ. އެހެންކަމުން މިއީ ބްރެޒިލް އަށް ނިސްބަތުން ފަސޭހަ ގުރޫޕަކަށް ވެދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!