ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ، މުޙައްމަދު ފިރާޟް އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީން ދިރާސާ ކުރުމަށްފަހު، ކޮމެޓީން ވަނީ އޭނާ އަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.
އެއަށްފަހު އޭނާ އަށް ރުހުން އޮތްތޯ ބަލަން މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ވޯޓަށް އަހާފަ އެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް ފިރާޟް ރުހުން ދޭން މަޖިލީހުން ފާސްކުރެއްވީ 57 މެންބަރުންގެ ވޯޓުންނެވެ.
ފިރާޟް އަކީ ހއ. އިހަވަންދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލްކަން ކުރިން ކުރައްވާފައިވާމ ފިރާޟް ވަނީ ރާއްޖޭގެ ބައެއް އަމިއްލަ ކޮލެޖްތަކުގައި ލެކްޗަރާއެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ކެޕިޓަލް ޓްރެވަލްގެ ކްރެޑިޓް މެނޭޖަރުކަމާއި، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ކަމާއި، މަންދު ކޮލެޖްގެ ހެޑް އޮފް ސްޓްރެޓެޖިކް، ކޮމިޔުނިއުކޭޝަންގެ މަގާމާއި އަދި ހައިފާ އިންވެސްޓްމަންޓްގެ ސީއީއޯކަން ފަދަ މަގާމުތައް އޭނާ ފުރުއްވާފަ ވެއެވެ.
ފިރާޟް ވަނީ މެލޭޝިއާގެ އޯޕެން ޔުނިވަސީޓީން މާސްޓާރ އޮފް ބިޒްނަސް އެޑްމިނިސްޓްރެޝަން ފުރިހަމަ ކުރައްވަފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްކަމުގެ މަޤާމަށް މުހައްމަދު ފިރާޟް ޢައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނެވެ.
ޕްރައިވަޓައިޒޭޝަން ބޯޑް އެކުލެވިގެންވަނީ ބޯޑުގެ ރައީސާއިއެކު ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ 7 މެމްބަރުންގެ މައްޗަށެވެ. ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުންގެ ދައުރަކީ 4 އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!