ސަރުކާރުގެ މައިގަނޑު ބޭނުމަކީ ފައިސާއެއް ދީފައި އެހާހިސާބުން ދޫކޮށްލުން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޟު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމް ޓްރައި ޕާޓީ ފަހުމުނަމާގައި ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ފައްޔާޟު ވިދާޅުވީ ފައިސާ ދީފައި އޭގެ އަސްލު ބޭނުމާއި ހަމައަށް ދެވެންދެން އެކަމުގައި ސަރުކާރުން އެހީތެރިވެދޭނޭ ކަމަށެވެ.
ފަގީރުކަމަކީ އިޖްތިމާއީ ގިނަ މައްސަލަތަކަކާއި ގުޅިފައިވާކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ފަގީރުކަން ނައްތާލެވެނީ އިޤްތިޞާދީގޮތުން ފުދުންތެރިކަން އައިސްގެން ކަމަށެވެ.
މީގެ އިތުރުން ކަނޑައަޅާފައިވާ 10 ގޭބީސީއަށްވުރެ އިތުރުނުވާ ގޮތަށް ހުރި ރަށްރަށް ފާހަގަކޮށް މި ޕްރޮގްރާމް ފަށާނެ ކަމަށާއި އޭރުން 96 ރަށެއް ކަވަރކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފުރަތަމަ ފިޔަވަހީގައި މި 96 ރަށަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ހިންގާ ނިމޭއިރު، އެ ރަށްރަށުގައި ފަގީރުންނެއް ނުތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފައްޔާޟު ވިދާޅުވީ ދެވަނަ ފިޔަވަހީގައި 46 ރަށަކަށް އަމާޒުކުރާނެ ކަމަށާއި މައިގަނޑު ބޭނުމަކީ އެފަދަ ފަރާތްތަކަށް ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ފަގީރުން، އެ ހާލަތުން އެހެން ހާލަތަކަށް ގެންދިއުން ކަމަށެވެ.
"ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ވަރަށް ބުރަކޮށް ކުރި މަސައްކަތަކުން ޤާއިމްކުރެވުނު ޕްރޮގްރާމެއް. އަމާޒަކީ ވީހާވެސް އަވަހަށް މިކަން ފެށި، މިކަމުގެ ފައިދާކުރުން." މިނިސްޓަރ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ހާލަތު ރަނގަޅު ހިސާބަކަށްދާ ފަރާތްތަކަށް ސަރުކާރުން ވިޔަފާރިވެރިންނަށް ހިންގާ ސްކީމެއްގެ ތެރެއިން އިތުރަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށްދިއުމަށް އެހީތެރިވެދިނުމަށް ވަނީ ނިންމާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!