ކޮޕް-27 ސަމިޓުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާ ތަމްސީލު ކުރައްވާތީ، ކުރޫގެ ރައީސް އަލް އުސްތާޖު މައުމޫން އަބްދުލް ގައްޔޫމް ހިތްޕުޅާނުވާކަން ހާމަކުރައްވައިފި އެވެ.

ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ކުރައްވާފައިވ ޓްވީޓަކާއި އެއްބަސްވެވަޑައިގެންނެވުމުގެ ގޮތުން މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުނައްވަރު އެ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމަށެވެ.

Ad
rt

މިސްރުގައި މިއަދު ފެށި އދ. ގެ މޫސުމާ ބެހޭ ކޮންފަރެންސް, ކޮޕް-27 ސަމިޓުގައި ނަޝީދު އެހެން ގައުމެއް ތަމްސީލުކުރައްވާތީ، އެކަމަށް ފާޑުވިދާޅުވެ، މުނައްވަރު ކުރައްވާފައިވާ ޓްވީޓުގައި ވަނީ ދިވެހިރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، އެހެން ގައުމެއްގެ ވަފުދެއްގައި އެގައުމު ތަމްސީލްކުރެއްވުމަކީ ދިވެހި ގައުމަށާއި ދިވެހި ދައުލަތަށް ވަފާތެރިވުންތޯ ސުވާލު އުފައްދަވާފަ އެވެ.

މިކަމާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިޔަސް އަދި އެނޫން މެންބަރަކުވިޔަސް އެހެން ގައުމެއްގެ ވަޒީފާއެއް އަދާކުރުމަކީ ގާނޫނު އަސާސީ ތަންދޭކަމެއް ނޫން ކަމަށެވެ.

ނަޝީދުގެ މި ދަތުރުފުޅުގައި ސީވީއެފް އާއި ވަލްނަރަބަލް ޓްވެންޓީ (ވީ20) އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ. މިވަގުތު ސީވީއެފްގެ ވީ20 ގްރޫޕުގެ ރިޔާސަތު ގާނާއިން ބަލަހައްޓާ އިރު ރާއްޖެއަކީ ވެސް ސީވީއެފްގެ މެންބަރު ގައުމެކެވެ.

މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް މިޞްރަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބު ރައީސް، ފައިޞަލް ނަސީމް ވަނީ އިއްޔެ ފުރާވަޑައިގެންފަ އެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ މި ކޮންފަރެންސްގައި ޤައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ނައިބު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ހިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ޙާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަކާލާތު ކުރައްވަމުންގެންދަވާ ލީޑަރެއްކަން އެ އޮފީހުން ފާހަގަ ކުރައްވަ އެވެ.

މީގެ އިތުރުން ރާއްޖެއިން ވަނީ 2030 އާ ހަމައަށް އަންނަ އިރު، ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން ވެސް އިޢުލާނުކޮށްފަ އެވެ.

މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.

މި ސަމިޓްގައި ދުނިޔޭގެ އެތައް ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވެ އެވެ.