ސްޕެނިޝް ލަލީގާގެ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިން ޑިފެންޑަރ ޖެރާޑް ޕީކޭ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އޭނާ ހާމަކޮށްފައި ވަނީ ސޯޝަލް މީޑީއާ މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯއެއްގައެވެ.

Ad
rt

ސްޕެނިޝް ލީގުގައި މި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ބާސާ އަމިއްލަ ދަނޑުގައި ނުކުންނާނީ އަލްމޭރިއާއާއި ދެކޮޅަށެވެ. އެއީ ޕީކޭ ކެރިއާގައި ކުޅޭނެ އެންމެ ފަހު މެޗެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށް ޕީކޭ ބުނެފައި ވަނީ އޭނާ ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް އޭނާގެ ފުޓްބޯޅަ ކެރިއާގެ ފަހު ޓީމަކީ ބާސާ ކަމަށާއި، އެކަން ބަދަލު ނުވާކަމަށެވެ. ޕީކޭ އިތުރަށް ބުނެފައި ވަނީ އޭނާއަށް ހުރިހާ އެއްޗެއް ވެސް ހޯދައިދިނީ ފުޓްބޯޅަ ކަމަށެވެ. އަދި އޭނާއަށް ފުޓްބޯޅައިގައި އެންމެބޮޑު ހިތްވަރެއް ދީފައި ވަނީ ބާސާއާއި ބާސާގެ ސަޕޯޓަރުން ކަމަށެވެ. ޕީކޭ ބުނެފައި ވަނީ އޭނާއަކީ އަބަދުވެސް ބާސާ މީހެއް ކަމަށާއި ބަދަލުނުވެ އެގޮތުގައި ހުންނާނެ ކަމަށެވެ.

ޕީކޭއައީ ބާސާގެ އެކަޑަމީގެ ކުޅުންތެރިއެކެވެ. އޭނާ 2004 ވަނަ އަހަރު ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ލިބުނު އޮފާއެއްގެ ދަށުން އެ ޓީމާއިއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ގައި 08-2007 ގެ ސީޒަންގެ ނިޔަލަށް ކުޅެފައިވައެވެ. އެ ދުވަސްވަރަކީ ފަހުގެ ތާރީޚެއްގައި ޔުނައިޓެޑްގައި އޮތް އެންމެ ވަރުގަދަ ޓީމް އޮތް ދުވަސްވަރަށް ވުމުން ޕީކޭއަށް ޔުނައިޓެޑް ޖޯޒީގައި ކުޅެލަން ލިބިފައި ވަނީ މަދު ފުރުޞަތެކެވެ. ނަމަވެސް އޭނާ ވަނީ ޔުނައިޓެޑާއިއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ޕީކޭ ބާސާއަށް ގެނެސްފައި ވަނީ އޭރު އެ ޓީމުގެ ކޯޗްގެ މަޤާމުގައި ހުރި ގާޑިއޯލާއެވެ. ބާސާއަށް ބަދަލުވެ އޭނާ ވަނީ 600 އަށް ވުރެ ގިނަ މެޗު ކުޅެދީ، 30 ތައްޓެއް ކާމިޔާބު ކޮށްފައެވެ. މިގޮތުން އޭނާ ވަނީ ސްޕެނިޝް ލަލީގާގެ ތަށި އަށްފަހަރު ، ޗެމްޕިއަންސް ލީގުގެ ތަށި ތިންފަހަރު، ކޮޕަ ޑެލް ރޭގެ ތަށި ހަތްފަހަރު ކާމިޔާބު ކޮށްފައެވެ.

ޕީކޭ ސްޕެއިންގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވަނީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ ސްޕެއިން ޤައުމީ ޓީމާއިއެކު ވެސް ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އޭނާ ވަނީ ސްޕެއިން ޓީމާއިއެކު ކާމިޔާބު ކޮށްފައެވެ. ޕީކޭ ސްޕެއިން ސީނިއާ ޓީމަށް 102 މެޗު ވަނީ ކުޅެދީފައެވެ.