ހއ. ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން، އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ ކޭމްޕެ ފަށައިފިއެވެ.

އިއްޔެ މި ކޭމްޕް ފަށާފައިވާއިރު، މިއީ ބާރަށު ޒުވާނުންގެ ދިރުމާއި ބާރަށު ޕޮލިސްޓޭޝަން ގުޅިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޭމްޕެކެވެ.

Ad
rt

ދެ ޖިންސުގެ ބައިވެރިން ހިމެނޭހެން ޖުމްލަ 37 ބައިވެރިންނާއިއެކު ކުރިއަށް ގެންދާ މި ކޭމްޕް، ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ބާރަށުގައި ވޮލީއަށް އޮންނަ ލޯބި އިތުރު ކުރުމާއި، ވޮލީ ކުރިއެރުވުމެވެ. އަދި މީގެއިތުރުން، ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އުތުރުގެ ދެ އަތޮޅައް ހުޅުވާލައިގެން އަންނަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތަށް ބާރަށުން ޓީމެއް ތައްޔާރު ކުރުމަކީ ވެސް މި ކޭމްޕް ކުރިއަށް ގެންދިޔުމުގެ މަޤުޞަދެކެވެ.

ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމްކޮށް ހިންގާ ކޮންމެ ހަރަކާތެއްގައި ބާރަށު ޕޮލިސްޓޭޝަންގެ ފަރާތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ ބާރަށު ޕޮލިހަށް ޝުކުރު އަދާކޮށްފައެވެ.

ބާރަށު ޒުވާނުންގެ ދިރުމުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އެ ޖަމިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ވޮލީ މުބާރާތަކީ ދިގު މާޒީއެއް އޮތް މުބާރާތެކެވެ. މިގޮތުން ފުރަތަމަ 16 މުބާރާތް ބާއްވާފައި ވަނީ ރަށު ފެންވަރުގައި ނަމަވެސް މިދިޔަ އަހަރުގެ މުބާރާތުން ފެށިގެން، މި މުބާރާތް މިހާރު ކުރިއަށް ގެންދަނީ ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެންނެވެ. މި އަހަރުގެ މުބާރާތަކީ އެ ޖަމިއްޔާއިން ބާއްވާ 18 ވަނަ މުބާރާތެވެ.

ބާރަށަކީ ވޮލީއަށް ފޯރި އޮންނަ ރަށެކެވެ. ބާރަށުގައި ބޭއްވުނު މުބާރާތްތަކުން ވޮލީގެ ތެރެއަށް ތަޢާރަފްވެ، އެ ރަށުގެ ބައެއް ޒުވާނުން މިހާރުވެސް އަންނަނީ ޤައުމީ ފެންވަރުގައި ވޮލީ ކުޅެމުންނެވެ.