ނަސްރުގެ ދުވަހުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަޞްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެ ގޮތުގައި ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
މިއަދު، ރާއްޖޭގައި ފާހަގަކުރާ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަޞްރުން ކާމިޔާބު ދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އަނެއް އިބުރަތަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެކަން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ ޤާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ޤައުމު ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހަމަމިއާއެކު، އެމަނިކުފާނުގެ ހިތާބުގައި ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫހު، މުޅި ޢަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރ މަހުގެ 3 ވަނަ ދުވަސް، ރާއްޖޭގެ ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ދިވެހިންގެ މަދު ބަޔަކާއި ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާއިން ރާއްޖެއަށް ނަސްރު ލިބުމުން ނެވެ.
އެ ހަމަލާއަށް، މިއަދު 34 އަހަރު ފުރޭއިރު، އެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!