މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބާގައި މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކުރީ އިސްލާމީ މަރުކަޒުގަ އެވެ. މި ޖަމާޢަތުގައި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެފައި ވެއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މާލޭގެ އިތުރުން އެމް.އެން.ޑީ.އެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައި ވެސް ދިދަނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައިވާއިރު، މާލޭގައި ނަސްރުގެ ދުވަހުގެ ދިދައާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު ބޭއްވީ ނޮވެމްބަރު 3 ގެ ހަނދާނީ ބިނާ ކުރިމަތީގަ އެވެ.
ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި އެމް.އެން.ޑީ.އެފްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ނޮވެމްބަރ ތިނެއްގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސް، ސިފައިންގެ އަޒުމް އާކޮށް ޝަހީދުވި ސިފައިންގެ ހަނދާނުގައި 7 ބަޑީގެ ސަލާމެއް ވަނީ އަރުވާފަ އެވެ. އަދި ދުވަހާއި ގުޅޭ ހާއްސަ ދުޢާއެއް ވެސް ވަނީ ކޮށްފަ އެވެ.
މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު މާލެއާއި، ސެންޓްރަލް ކޮމާންޑުތަކުގައި "ވިކްޓްރީ ލެޕް" ގެ ނަމުގައި ބާއްވާ ހާއްސަ ދުވުން އޮންނާނެ އެވެ.
މިއީ ދިވެހި އަސްކަރިއްޔާގެ ކާމިޔާބީ ފާހަގަކުރުމަށާއި، އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ސިލްސިލާ ހަރަކާތެކެވެ. ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާ އެވެ.
އެމް.އެން.ޑީއެފްގެ މާލެއާއި އަތޮޅުތަކުގެ ސެންޓްރަލް ކޮމާންޑުތަކުގައި މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށާފައިވަނީ ބޮޑު ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުން ނެވެ.
ނަޞްރުގެ ދުވަހާއި ގުޅިގެން ބާއްވާ އަސްކަރީ ޕެރޭޑް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް ކަމުގައިވާ ކުޅުދުއްފުށި ސިޓީގަ އެވެ. މި ޕެރޭޑް އެ ސިޓީގެ ބޮޑެތި މަގުތަކުގައި އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.
ރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއެކު ރާއްޖެ އަރައި ދިން ޢުދުވާނީ ހަމަލާއިން ދިވެހިންނަށް ލިބުނު ނަސްރާއި ކާމިޔާބު ފާހަގަކުރުމުގެ ގޮތުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!