ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިއުލާންކޮށް، އާއިލާއާއި ރައްޓެހިންނާ ހަމައަށް އެވާހަކަތައް ގެންދިއުމުގެ މާނައެއް ނެތްކަމަށް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.
”އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް” މި މައުޟޫއަށް ހޯމަ ދުވަހުގެރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮތް ދަރުހުގައި ތަޤްރީރުކުރައްވަމުން އޭނާ ވިދާޅުވީ ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އަނެކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް އެކަކު އަނެކަކަށް މަސައްކަތްކުރަންޖެހެނީ އިޚްތިރާމާއިއެކު ކަމަށެވެ.
އެއީ ގާތްތިމާގެ މީހުންގެ މެދުގައި ދިމާވި މައްސަލައެއްނަމަވެސް އެ މައްސަލައެއްގެ ދެކޮޅު ހޯދައި، ހައްލުކޮށް އަލުން އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް އަޒުމްކަނޑައެޅުމަށް ވެސް މުފްތީ އެދިވަޑައިގެންނެވި އެވެ.
މުފްތީ ވިދާޅުވީ ކައިވެނީގައި ދިމާވާ މައްސަލަތަކަކީ އާއިލާއާއި ރައްޓެހިންނާއި ދުނިޔެއަށް އަންގަން ޖެހޭ ކަންކަން ނޫން ކަމަށާއި ކަމަކާ ނުލާ ކުރެވޭ އެފަދަ ކަންކަމުގެ ސަބަބުން އިތުރު މައްސަލަތައް ހިލުން ނޫންކަމެއް ނުވާނެކަމަށެވެ. އަދި ދެމަފިރިންގެ ދެމެދުގައި އެ މައްސަލައެއް ހައްލުނުކުރެވޭފަދަ ހާލަތަކަށް ހިނގައްޖެނަމަ، އާއިލާގެ މަޝްވަރާހޯދާ އެކަމަށް ފިޔަވަޅު އަޅަންޖެހޭކަމަށް ވިދާޅުވި އެވެ.
"އެހެންނަމަވެސް އެއްވެސްކަހަލަ އަނިޔާވެރިކަމެއް ނުވަތަ ގެވެށިއަނިޔާގައި ތިމާގެ ދަރިފުޅު، އާއިލާގެ މީހަކު ނުވަތަ ގާތްބަޔަކު އުޅޭކަން އެނގޭނަމަ އެކަމުން އެ މީހަކު ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭ. ހާއްސަކޮށް ތިމާގެ ދަރިއަކު އެފަދަ ހިތްދަތި ދިރިއުޅުމެއްގައި އުޅޭކަން އެނގޭނަމަ އެ ދަރިފުޅު، ގެއަށް އައުމަކީ މައްސަލައެއް ނޫން. ޚުދު މައިންބަފައިން އެ ދަރިފުޅަށް ވިސްނުވައިދޭންޖެހޭ. އެއީ އަނިޔާއަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއްނުން ކަމަށްވާތީ." އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!