ކުރިއަށް އޮތް ދެ އަހަރުތެރޭގައި ހދ. ދިއްޕަރުފުށި އަދި ހދ. ނާގޯށީގެ ފުރަތަމަ ފޭސް ހުޅުވި، ކުރިއަށް އޮތް 3 އަހަރުތެރޭގައި އިތުރު 4 ރިސޯޓު ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްދުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ގެސްޓު ހައުސްތަކުން އިތުރުވާނެ ފަތުރުވެރިކަމުގެ އެނދުގެ އަދަދާއެކު ކުރިއަށް އޮތް 3 އަހަރުތެރޭ އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ އެނދުގެ އަދަދު 3700 އަށް އަރާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން 3 އަހަަރުތެރޭ އިތުރު 4 ރިސޯޓެއް އޮޕަރޭޝަނަށް އަންނާނެކަން ފާހަގަކުރައްވާ މައުސޫމް ވަނީ ކުރިއަށް އޮތް 3 އަހަރުތެރޭ ބޮޑު ތިލަދުންމަތީގައި އިތުރު 6 ރިސޯޓު ހުޅުވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ތިން އަހަަރުތެރޭ އިތުރު 4 ރިސޯޓެއް އޮޕަރޭޝަނަށް އަންނާނެކަން ފާހަގަކުރައްވާ މައުސޫމް ވިދާޅުވީ އެއީ ހއ. ބެރިންމަދޫ، ށ. ހުރަސްފަރު، މާއިންފަރު އަދި ކަބާލިފަރު ކަމަށެވެ. އަދި ޓޫރިސްޓު ހޮޓާތައް ތަރައްޤީކުރުމުގެ މަސައްކަތް ކެލާ، އުތީމް، އަދި ވަށަފަރުގައި ކުރިއަށްގެންދާ ހޮޓާ ރިސޯޓު ނިމި 404 އެނދު ތައާރަފްކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ހއ. ހދ. އަދި ށ. އަތޮޅުގައި ރިސޯޓު، ހޮޓާ އަދި ގެސްޓުހައުސްތަކުން ފަތުރުވެރިކަމަށް 1724 އެނދު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެތެރެއިން 1524 އެނދު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.