ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާގެ އެންމެ މުހިންމު ވަސީލަތަކީ އިންސާނީ ވަސީލަތް ކަމަށެވެ.

Ad
rt

މީގެ އިތުރުން ރައީސް ވިދާޅުވެފައިވާ ގޮތަށް، ސިއްހީ ދާއިރާގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބަޖެޓުގައި ރާވާފައިވާ ކަމަށާއި އަތޮޅުތެރޭގައި 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ބަޖެޓުވާނީ އިތުރުކޮށްދީފައި ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ބަޖެޓްކުރެވިފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ބަޖެޓު ހުށަހަޅުއްވައިދެއްވަމުން އަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ޖުމުލަ ގޮތެއްގައި މިދާއިރާއަށް ކުރާ ހޭދަ އިގުތިސާދީ ހާލަތު ތަންދޭ މިންވަރަކުން އިތުރުކުރަމުން ދިއުން ކަމަށެވެ.

"ކޮވިޑު-19 ގެ ޢާލަމީ ވަބާއިން ދުނިޔެއަށް ލިބުނު ފިލާވަޅުން، ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ. މުޅި ސިއްހީ ދާއިރާއަށް މި ބަޖެޓުގައި 5 ބިލިއަން ރުފިޔާ ހިމަނާފައިވާނެ. ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކެނޑިނޭޅި މަސައްކަތްތައްދަނީ ކުރަމުން." އަމީރު ވިދާޅުވި އެވެ.

އެގޮތުން 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވާ، މި މަޝްރޫއުގެ ތެރެއިން 5 ހޮސްޕިޓަލުގެ ވަސީލަތްތަކާއި ހިދުމަތްތަކުގެ ފެންވަރު މިހާރުވެސް އެތައް ތަނެއް މަތިކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މިއީ މަރުކަޒީ ސަރުކާރަށް ބަރޯސާނުވެ، މިނިވަންކަމާ އެކު ހިންގޭނެ ތަންތަންކަން، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހޯދަމުންދާ ކާމިޔާބީން ދޭހަކޮށްދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމަމިއާއެކު ޓާޝަރީ ފެންވަރަށް ތަރައްޤީކުރެވޭ 5 ހޮސްޕިޓަލުގެ ބަޖެޓު 2018 ވަނަ އަހަރާ އަޅައިބަލާއިރު، ތިން ގުނަ، އަންނަ އަހަރު ބޮޑުވާނެ ކަމަށާއި އެއާއެކު، ހިދުމަތްތަކުގެ އަދަދާއި ފެންވަރުވެސް ރަނގަޅުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ރަނގަޅު ސިއްހީ ފަރުވާ ލިބިގެން ދިއުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އެދުމެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށް ވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި އޭގެ ތެރޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގެނައުމާއި، ވަސީލަތްތައް މުއްސަނދިކޮށް ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން ހިމަނާފައިވާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކަށް ޒަމާނީ އެމްބިއުލަންސް މިސަރުކާރުން ފޯރުކޮށްދީފައިވާ ކަމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ސެންޓަރެއް މިހާރު ގާއިމްކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް މިފަދަ ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.