ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މިއީ 15,660,758.00 ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުން 220 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.
މި މަސައްކަތުގެ ދަށުން 45 މީޓަރުގެ 8 (އަށެއް) ޓީ-ޕްރޮއިން ޤާއިމްކުރުމާއި އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާ އެވެ.
ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ވެސް ވަނީ އެ ކުންފުންޏާ ހަވާލުކުރައްވާފަ އެވެ. އަދި ނ. ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ) އާ ވެސް ވަނީ ހަވާލުކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!