ހއ ދިއްދޫ ކައުންސިލްގެ 1 ވަނަ ވެޓަރަންސްކަޕް ފުޓްބޯޅަ މުބާރާތުގެ 8 ވަނަ މެޗުގައި ހިންގާފައިވާ ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތައް ހިންގިފަރާތާއި ޓީމަށް ފިޔަވަޅު އަޅައިފި އެވެ.
ހަމަނުޖެހުން ހިނގީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުޅެވުނު އެމުބާރާތުގެ 8 ވަނަ މެޗުގައެވެ. މި މެޗުގައި ބައްދަލުކުރީ ނާޑް ސްޕޯޓްސް ކުލަބް އަދި ޔޫތު ޗެލެންޖު ޓީމެވެ. އެ މެޗުގައި ކަން ހިނގާދިޔަގޮތާއި ބެހޭ ގޮތުން ދިއްދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ރިޕޯޓް އެކައުންސިލުން މިއަދު ވަނީ އާންމު ކޮށްފަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ، ކުޅިވަރުގެ ރޫހާ ޚިލާފް އެތައް ޢަމަލުތަކަކާއި ޖިނާޢީ ކުށްތައް ކޮށްފައިވާ ކުޅުންތެރިޔާ މެދު އަޅާނެ ފިޔަވަޅުތަކާ މެދު ކައުންސިލްގައި މަޝްވަރާކޮށް، މި މައްސަލާގައި އެޅުމަށް ކައުންސިލުން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން، އެމެޗުގައި ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލުތަކެއް ނާޑް ސްޕޯޓްސްގެ ކުޅިންތެރިއެއް ކަމަށްވާ އެޓީމުގެ ކެޕްޓަން އާދަމް ޒުހައިރު (މުގުފާރު، ހއ. ދިއްދޫ) ހިންގާފައިވާތީ، އެ މުބާރާތުގެ ހިންގާ ޤަވާއިދުގެ 27 ވަނަ މާއްދާގެ (ބ) ގެ ދަށުން ނާޑް ސްޕޯޓްސް ކުލަބް 1000.00 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުންކަމަށެވެ.
ދެވަނަ އަށް، ޓީމް "ނާޑް ސްޕޯޓްސް ކުލަބް" ގެ ޖަރޒީ ނަންބަރު 27، އާދަމް ޒުހައިރު މުބާރާތުގެ 8 ވަނަ މެޗް ހިނގަމުންދިޔަ ވަގުތު ހަމަނުޖެހުން ހިންގައި ރެފްރީ ފަތުޙުالله ޖަމީލަށް ޙަމަލާދީ މުބާރާތުގެ އޮފިޝަލުން ތިއްބަވާ މޭޒު އެއްލާލައި މޭޒުގައިހުރި ފޯނުތަކާއި އަދި ލިޔެކިޔުންތަކަށް ގެއްލުންދީ އަދި މުބާރާތުގައި ކައުންސިލުން ކަނޑައަޅާފައިވާ އޮފިޝަލަކަށް ހަމަލާ ދީފައިވާތީ، އެ މުބާރާތުގެ ހިންގާ ޤަވާއިދުގެ 27 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހު ދިއްދޫ ކައުންސިލްގެ ބައިވެރިވުމެއް އޮންނަ އެއްވެސް މުބާރާތެއްގައި އާދަމް ޒުހައިރު އަށް ބައިވެރި ނުވެވޭނެގޮތަށް ސަސްޕެންޑް ކުރުމާއި އަދި ޖުރުމަނާއެއްގެ ގޮތުން 1500.00 (ފަނަރަސަތޭކަ) ރުފިޔާ ކައުންސިލަށް ދެއްކުމަށެވެ.
ދިއްދޫ ކައުންސިލުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، މި މެޗުގެ ރެފްރީއެއްގެ ގޮތުގައި ފަތުޙުالله ޖަމީލު، އެސިސްޓެންޓް ރެފްރީ މުޙައްމަދު ނައުޝާދު އަދި ޢަލީ ފަރުހާންގެ އިތުރުން ހަތަރުވަނަ ރެފްރީގެ ގޮތުގައި އިބްރާހީމް ޝަފީޤް ޙަރަކާތްތެރިވިކަމަށާއި މި މެޗުގެ ރެފްރީގެ ބައެއް ނިންމުންތަކާ ހިތްހަމަ ނުޖެހިގެން ނާޑް ސްޕޯޓްސް ކުލަބުގެ ކެޕްޓަން، ޖަރޒީ ނަމްބަރު 27، އާދަމް ޒުހައިރު ރެފްރީއާ މުހާތަބުކޮށް އެކި ފަހަރުމަތިން ނުރުހުމުގެ ތަފާތު ބަސްތައް ރައްދުކޮށްފައިވާކަމަށެވެ. އަދި އާދަމް ޒުހައިރުގެ ފަރާތުން ފެންނަމުންދިޔަ ކުޅިވަރުގެ ރޫޙާ ޚިލާފު މި ޢަމަލުތަކުގެ ސަބަބުން އޭނާއަށް ރީނދޫ ކާޑެއް ދެއްކިކަމަށެވެ.
"ކުޅުން މެދުކަނޑާލުމަށްފަހު ރެފްރީ ދެއްވި ވޯޓަރ ބުރޭކްގައި އާދަމް ޒުހައިރު ރެފްރީ ގާތަށްގޮސް ރެފްރީއަށް ރުޅިވެރިކަމުގެ ބަސްތައް ރައްދުކޮށް ރެފްރީގެ ގަޔަށް އަތްލައި ރެފްރީގެ ނޭވާ ހާސްވާގޮތަށް މާރާމާރީ ހިންގާފައިވޭ، އާދަމް ޒުހައިރުގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫޙާ ޚިލާފު މި ޢަމަލުގެ ސަބަބުން އޭނާއަށް ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައިވޭ"
އެރިޕޯޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެދަނޑިވަޅުގައި އާދަމް ޒުހައިރު ރުޅިގަދަވެ ރެފްރީއަށް ހަމަލާދޭން މަސައްކަތްކޮށްފައިވާކަމަށާއި ނަމަވެސް އެޓީމުގެ އެހެން ކުޅުންތެރިން އޭނާ ހުއްޓުވާފައިވާކަންވެސް ފާހަގަ ކޮށްފައިވެއެވެ.
އާދަމް ޒުހައިރު އަށް ދެވަނަ ފަހަރަށް އެފްރިއަށް ޙަމާލާ ދެވޭގޮތް ނުވުމުން ދުވެފައި ދަނޑުން ފައިބައި އޮފިޝަލުން ތިއްބަވާ މޭޒު އެއްލާލައި މޭޒުމަތީގައި ހުރި ފޯނުތަކާއި، ލިޔެކިޔުންތަކަށް ގެއްލުންދީ، މެޗުގެ އެއް އޮފިޝަލް ކަމުގައިވާ ހއ. ދިއްދޫ ފަރިވާ އަބޫބަކުރު ރާޝިދު އަށް ހަމާލާދީފައިވާކަމަށް ބުނެފައިވެއެވެ.
ދިއްދޫ ކައުންސިލްގެ ވެޓަރަންސްކަޕް ފުޓްބޯޅަ މުބާރާތަކީ ދިއްދޫގެ ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، އިޖްތިމާޢީ ގުޅުމާއި ކުޅިވަރުގެ ރޫޙު އާލާކުރުމާއި، އަދި ދިއްދޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރި އުފައްދައި ފުޓްބޯޅަ ކުރިއެރުވުމާއި، ހއ ދިއްދޫގެ ރައްޔިތުން އެއްތަނަކަށް އެއްވެ ކުޅިވަރުގެ އުފާ ޙާޞިލްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަތިވެރި މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!