ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބޭނުމަށް ރަސްމީ ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އެކައުންސިލުން އިޢުލާންކޮށްފި އެވެ.

އެކައުންސިލުން ކުރި އިޢުލާނުގައި ބުނީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ.

Ad
rt

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ‏13‏ ވަނަ ދުވަހުގެ ދުވަހުގެ 10:15 ގެ ކުރިން އެއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ފޯމް ހުށަހެޅުން އެދެ އެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އަންނަ މަހުގެ ‏14‏ ވަނަ ދުވަހުގެ ދުވަހުގެެ 10:15 އެވެ.

އެކައުންސިލުން ގަންނަން އިޢުލާން ކޮށްފައިވަނީ ބްރޭނޑް ނިއު 5 ސީޓުގެ ކާރެކެވެ. 2021 ވަނަ އަހަރު ނުވަތަ އޭގެ ފަހުން އުފައްދާފައިވާ ނިޝާން އަލްޓިމާ، ޓޮޔޯޓާ ނުވަތަ ހޮންޑާ ބްރޭންޑްގެ ޖަޕާނުގެ އުފެއްދުމެކެވެ. ވެހިކަލް ސަޕްލައިކުރުމަށްފަހު ވެހިކަލް އިންސްޕެކްޓްކުރެވޭނެކަމަށާއި ސަޕްލައިކުރެވޭ ވެހިކަލަކީ ބްރޭންޑް ނިއު ވެހިކަލަކަށް ނުވާނަމަ، އެމައްސަލަ ތަހުގީގް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭނެކަމަށް އެކައުންސިލުން ބުނެއެވެ.

ކާރު އެތެރެ ކުރަންވާނީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ނަންމަތީގައިކަމަށާއި ވެހިކަލް އެތެރެ ކުރުމަށްފަހު ރަޖިސްޓްރީ އެ އިދާރާގެ ނަންމައްޗަށް ބަދަލުކުރަން ޖެހޭނެކަމަށް މަޢުލޫމާތު ޝީޓުގައި ބުނެފައިވެއެވެ.

ވެހިކަލް ސަޕްލައިކުރިކަމަށް ބެލެވޭނީ ވެހިކަލް އެ އިދާރާ އާ ހަމަޔަށް ޑެލިވަރކުރުމުންކަމަށާއި ވެހިކަލް ގަނެގެން ކުޅުދުއްފުށްޓާއި ހަމަޔަށް ޝިޕް ކުރުމާއި، ކަސްޓަމްސް އިން ކްލިއަރ ކުރުމާއި އެއިދާރާ އާއި ހަމަޔަށް ގެނެސްދިނުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެއްކަމުގައި ބުނެފައިވެއެވެ.