•  
  •  
  •  
  •  
  •  
  •  

محمد صلى الله عليه وسلم މެދުވެރި ކުރައްވައި ﷲ سبحانه وتعالى ވަނީ އަހަރެމެންނަށް ތެދުމަގު ދައްކަވާފައެވެ. އަނދިރި ކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވާފައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބަރަކާތުން ދެދުނިޔޭގެ ހެޔޮކަން އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އެކަލޭގެފާނުދެކެ ލޯބިވުން އަހަރެމެންގެ މައްޗަށް ﷲ سبحانه وتعالى ވަނީ ވާޖިބުކުރައްވާފައެވެ.

އެކަލޭގެފާނަށް ޢިއްޒަތްކުރުމާއި އެކަލޭގެފާނަށް ނަޞްރު ދެވެން އޮތް ކޮންމެ ގޮތަކުން ނަޞްރުދިނުމާއި، ކޮންމެ ހިނދެއްގައިވެސް އަހަރެމެންގެ އަމިއްލަނަފްސުތަކުގެ މައްޗަށް އެކަލޭގެފާނުގެ ނިންމެވުން އިސްކުރުމާއި އެކަލޭގެފާނުގެ ރިސާލަތަށް ކުރެވޭ ކޮންމެ އިހާނާތްތެރިކަމަކުން ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ކަންކަމެވެ. ޝައްކެއްނެތެވެ.

ﷲ سبحانه وتعالى އެއިލާހުގެ ރަސޫލުންނާއި އެއިލާހަށް ކިޔަމަންގަތް އަޅުންގެ ނަޞްރުވެރި ފަރާތެވެ. އެކަމުގެ ބައިވަރު ސަބަބުތައް އެއިލާހު ލެއްވެވިއެވެ. އިލާހީ މުޢުޖިޒާތްތަކާއި، އިތުރު އެކަލޭގެފާނުގެ މިތުރު ޞަޙާބީންނެވެ. ތާބިޢީންނެވެ. ތަބަޢައް ތާބިޢީންނެވެ. ސަލަފުއްޞާލިޙުންނެވެ. މިއުންމަތުގެ ޢިލްމުވެރިންނާއި އެކަލޭގެފާނުގެ ސުންނަތުގެ މަތީގައި ސާބިތުވެތިއްބެވި އެންމެހާ މީސްތަކުންނެވެ.

الله سبحانه وتعالى، رسول الله صلى الله عليه وسلم ރިސާލަތައިގެން ފޮނުއްވި އެއް މަޤްޞަދަކީ މީސްތަކުން އިމްތިޙާންކުރެއްވުމެވެ. ﷲ އާއި އެއިލާހުގެ رسول الله صلى الله عليه وسلم އަށް ޙައްޤުގޮތުގައި ނަޞްރުދެނީ ކޮންބައެއްތޯ ބެއްލެވުމެވެ. އަދި ޚާއްޞަކޮށް ޣައިބުގައި، އެބަހީ އެކަލޭގެފާނު ދުނިޔެ ދޫކުރައްވާ ވަޑައިގަތް ފަހުން، އެކަލޭގެފާނު އެބައިމީހުންގެ ތެރޭގައި ނެތި، އެކަލޭގެފާނަށް ތަބަޢަވަނީ ކޮންބައެއްތޯ، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތު ތެދުކޮށް، ކުރެއްވި އަމުރުތަކަށް ކިޔަމަންވެ، ކުރެއްވި ނަހީތަކުން ދުރުވަނީ ކޮންބައެއްތޯ ބެއްލެވުމަށެވެ. އެހެނީ ޙަޤީޤަތުގައި އުނދަގޫ އީމާންކަމަކީ ޣައިބުގެ އީމާންކަމެވެ.

رسول الله صلى الله عليه وسلم އެބައިމީހުންގެ ތެރޭގައި ވެފައި، އެކަލޭގެފާނު ދެކެވަޑައިގަތުމާއި، ބައްދަލުވުމާއި، މުޢުޖިޒާތްތައް ލޮލުގެ ކުރިމަތީގައި ހިނގުމާއި، ކީރިތި ޤުރުއާން ބާވައިލެއްވެމުން ދިޔުމާއި މިފަދަ ކަންތައްތައް ފެނިދެނިވި ހުރެ އީމާންވާ މީހާއަށްވުރެ އެކަންތައްތައް ހިނގުމުގެ މާފަހުން އީމާންވާމީހާއަށް ވަރުގަދަ އީމާންކަމެއް ޙާޞިލްކުރަން އުނދަގޫވެދާނެއެވެ. އީމާންކަމަކީވެސް އޭގެ ދަރަޖަތައް ތަފާތުވާކަމެކެވެ.

ޖިބްރީލް عليه السلام ގެ އީމާންކަމާއި މާތް تبي صلى الله عليه وسلم ގެ އީމާންކަމާ އެއްވަރު ނުވެއެވެ. ހަމައެފަދައިން މާތް تبي صلى الله عليه وسلمގެ އީމާންކަމާއި އަބޫބަކްރު رضي الله عنه ގެ އީމާންކަމާ އެއްވަރު ނުވެއެވެ. އަބޫބަކްރު رضي الله عنه ގެ އީމާންކަމާ އެހެނިގެން ޞަޙާބީންގެ އީމާންކަމާވެސް އެއްވަރުނުވެއެވެ. އީމާންކަމުގެ މިންވަރު ތަފާތުވާއިރު ހަނދާންކުރަންޖެހޭ ކަމަކީ އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެއްކަމެވެ. އިތުރުވަނީ ކިޔަމަންވުމުގެ ސަބަބުންނެވެ. އުނިވަނީ އުރެދުމުގެ ސަބަބުންނެވެ.

މިއަދު އަހަރެމެން އިމްތިޙާންކުރެވެމުން މިދަނީ تبي صلى الله عليه وسلم އަށް އަހަރެމެން ތަބަޢަވުމާ މެދުއެވެ. އެކަމަކީ އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމަކަށްވާއިރު، އަހަރެމެންގެ تبي صلى الله عليه وسلم އަށް އަހަރެމެންނަށް ތަބަޢަވެވެނީ ކިހާވަރަކަށްތޯ އަހަރެމެންގެ ނަފްސުތަކާ ސުވާލުކޮށްލަން އެބަޖެހެއެވެ.

ލިއުނީ: އައްޝައިޚް މުޙައްމަދު ޝާފިޢު

ޙަވާލާ:
1- وجوب محبة النبي ونصرته وحكم من سبه، وعموم رسالته – سعيد بن علي بن وهف القحطاني
2- محبة النبي صلى الله عليه وسلم وتعظيمه- عبد الله بن صالح الخضيري
3- محمد الرسول الله بين الاتباع والابتداع -عبد الرؤوف محمد عثمان

ޚިޔާލު

Your email address will not be published.

More in ރިޕޯޓް