ގުދުރަތްތެރިކަން ބޭނުންކޮށްގެން ދިވެހިން ބޭނުންވާ އުމްރާނީ ތަރައްޤީ ހޯދެން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"ކުރަމަތި ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް" ފޮތް ނެރުމަށް ކުރަމަތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރަމަތި ގައިޑް ޓު ޕްލާންސްޓް އިން މޯލްޑިވްސް ފޮތުގެ ޒަރިއްޔާއިން އެ މަގަށް ވިސްނުން ބައްޓަންވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރަށްރަށާއި އަތޮޅު ކައުންސިލްތަކުން އަބަދު ވެސް ބަނދަރު ހެދުމާއި، އެއްގަމު ތޮށި ލުމާއި، މަގު ހެދުމާއި، މިފަދަ އުމްރާނީ ތަރައްޤީ ބޭނުންވާ ވާހަކަ ވަރަށް ގިނައިން ދައްކަވާ ކަމަށެވެ. ތަރައްގީއޭ ބުނުމުން އަބަދު ވެސް ސިފަވެފައި އޮންނަނީ އުމްރާނީ ތަރައްޤީއަށް އެކަނި ކަމަށެވެ.
"ހޭޅި ފަށުގެ ގަސްތަކާއި ބޮޑު ހިލަ ބަނދަރާއި އެއްގަމު ތޮއްޓާއި ފަރު ވެސް ކުރަނީ އެއް ކަމެއް. އެއީ ރަށް ހިމާޔަތްކުރުން. ހެޔޮ އަގުގައި، ތިމާވެއްޓާ ރައްޓެހި ނިޒާމަކުން އެކަން ވާން އޮންނައިރު، އެހެން އެ މަސައްކަތް ނުކުރަންވީ ސަބަބެއް ނުވިސްނޭ." ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި 2،000 އެއްހާ ރަށް އޮތްއިރު، ކޮންމެ ރަށެއްގައި މިގޮތަށް ބަނދަރެއް ހެދުމަކީ ހަރަދުގެ ގޮތުން ބަލާނަމަ ބޮޑު މަސައްކަތެއް ކަމަށާއި އެއާ ޚިލާފަށް 1 މީޓަރުގެ ފަރެއް ހެއްދުމަކީ 25 ޑޮލަރުން އެކަނި ވާ ކަމެއް ކަމަށެވެ. އަދި ހޭޅިފަށުގެ ގަސްތައް ހެއްދުމަށް 5 ޑޮލަރު ވެސް ނުދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!