ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުޠުބާ ޚާއްސަކޮށްފައިވަނީ ''ހަޤީޤީ ބާއްޖަވެރިކަން'' މި މައުޟޫއަށެވެ. މިއަދު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި އިމާމްވެ ހުކުރު ނަމާދުކުރެއްވީ ދިނީ ޢިލްމުވެރިޔާ މުފްތީ މެންކްއެވެ.

Ad
rt

މިއަދުގެ ޚުޠުބާގައި މި ދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ހޯދަންކަމަށާއި އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގުދީފައި ގަނެވޭނެ އެއްޗެއް ކަމުގައިވީނަމަ އެކަން ކުރާނެކަން ކަށަވަރުކަމަށް ބަޔާންކުރައްވާފައިވެއެވެ.

ޚުޠުބާގައި ވިދާޅުވެފައި ވަނީ، ދުނިޔެމަތީގައި ޖާހަކާއި އާރާއި ބާރު ލިބިފައި ވިޔަސް، މާތް ﷲ އަށް އީމާން ނުވާނަމަ އެއީ ހަޤީޤީ ބާއްޖަވެރިއެއް ނޫންކަމަށެވެ.

މުފްތީ މެންކު އިސްލާމީ މަރުކަޒުގައި ޚުޠުބާ ދެއްވަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހަޤީޤީ ބާއްޖަވެރިކަމަކީ އަޅާ الله سبحانه وتعالى އަށް އީމާންވެ الله سبحانه وتعالى އެންގެވި ގޮތް އިޚްތިޔާރުކޮށް އެކަލާނގެ ނަހީކުރެއްވިކަންކަމާ ދުރުހެރިވުމުން، الله سبحانه وتعالى އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި އުފާވެރިކަމުގެ ޝުޢޫރެއްކަމަށާއި، އެއީ އެއްގޮތަކަށް ވެސް މާއްދީ ގޮތުން ޙާސިލް ކުރެވޭނެ ކަމެއް ނޫންކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެފަ ވެއެވެ.

ކީރިތި ޤުރްއާނާއި، ރަސޫލާގެ ޙަދީޘްފުޅުން އެނގޭގޮތުގައި ބާއްޖަވެރިކަމުގެ އަސާސަކީ، އީމާންތެރިކަމާއި ކިޔަމަންތެރިކަންކަން ފާހަގަ ކުރައްވައި، މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި ބުރަ މަސައްކަތްކުރަނީ އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކަމަށް ޚުޠުބާގައި ވިދާޅުވެފަ ވެއެވެ. އަދި ބާއްޖަވެރިކަން ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި ގަދަ ކީރިތިވަންތަ الله سبحانه وتعالى ހަނދުމަކުރަން ވެސް ހަނދާނެއް ނުހުންނަކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

''އެކަލާނގެ އެންމެ ލޯބިވޮޑިގެންވާ ފަރުޟު ފަސް ނަމާދުގެ މަތިން ހަނދާން ނުހުރެއެވެ. الله سبحانه وتعالى އެންމެ ލޯބިވެވޮޑިގެންވާ އަޅުކަމަކީ ނަމާދެވެ. ނަމާދަށް ރައްކާތެރިނުވެ، ކިތައްމެ ބުރަ މަސައްކަތެއް ކުރިކަމުގައިވިޔަސް ބާއްޖަވެރިކަން ލިބޭނީ ކިހިނަކުންހެއްޔެވެ؟'' ޚުޠުބާގައި ވިދާޅުވެފަ ވެއެވެ.

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ ދުނިޔެގައި ގިނަބަޔެއްގެ ލޯބި ހޯދާފައިވާ ދީނީ ޢިލްމްވެރިޔާ މުފްތީ މެންކް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގައި މުފްތީ ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ މިރެއެވެ. ކާނިވާ ސަރަހައްދުގައި އޮންނަ މި ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް އެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސް އޮންނާނީ ރޭގަނޑު 8.45 ގައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:

  • މާލެ- އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި
  • ފުވައްމުލައް ސިޓީ – އޮކްޓޯބަރު 29 ވަނަ ދުވަހު ޙާފިޒް އަޙްމަދު ސްކޫލުގައި
  • އައްޑޫ ސިޓީ – އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި
  • ހުޅުމާލެ- އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި

މި ހުރިހާ ދަރުސްތަކެއް ވެސް އޮންނާނީ ތާވަލު ކުރެވިފައިވާ ދުވަހެއްގެ ރޭގަނޑު 8:45 ގައިކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.