ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް މި ނޮވެމްބަރު މަހު ނިމޭނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ އިމާރާތުގެ މަސައްކަތް އަންނަމަހު ނިންމައި، ޑިސެމްބަރު މަހު އިމާރާތް ބޭނުންކުރަން ފަށާނެ ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި އިމާރާތް ހެދުމަށް މި ސަރުކާރުން ނިންމީ މާލޭގައި އިމާރާތް އަޅާނެ ބިމުގެ ދަތިކަން ހުރުމުން ކަމަށެވެ. އަދި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމުން ކަމަށެވެ.
އެހެންވެ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސް ސާލިހް 2019 ވަނަ އަހަރު ނިންމެވި ނިންމުމުގެ މަތީން އޮފީސް އިމާރާތް ހުޅުމާލޭގައި އެޅުމަށް ނިންމައި، 2019 ވަނަ އަހަރު ޑިސެމްބަރުގައި ބިޑް ކާމިޔާބުވި ފަރާތަށް މަސައްކަތް އެވޯޑްކޮށްފައިވާ ކަމަށެވެ.
އެ އޮފީހުން ވިދާޅުވީ 2020ވަނަ އަހަރުގެ ފެބްރުއަރީގައި އިމާރަތް ކުރުމުގެ މަސައްކަތް ފެށިނަމަވެސް ކޮވިޑުގެ ހާލަތާ ދިމާވުމާ ގުޅިގެން އިމާރާތުގެ މަސައްކަތް ލަސްވެގެންދިޔަ ކަމަށެވެ. އަދި ދިމާވި ދަތިތަކަށްފަހު، މި އަހަރުގެ ނޮވެމްބަރުމަހު މަސައްކަތް ނިމި އިމާރާތުގައި މަސަތްކަތް ކުރަން ކަނޑައެޅުނު އޮފީސްތަކަށް މި ޑިސެމްބަރުމަހު މި އިމާރަތް ބޭނުންކުރަން ފަށާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި އިމާރާތުގެ ފަންގިފިލާތައް ބެހިގެންވާ ގޮތަށް ބަލާއިރު، ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ ގައި ޕާކިންގ އޭރިއާ އެއް ހުންނާނެ އެވެ. އަދި ދެވަނަ ފަންގިފިލާ ގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ތިންވަނަ ފަންގިފިލާ ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އެވެ.
ހަތަރުވަނަ ފަންގިފިލާ ގައި އެމެރިކަން އެމްބަސީ، ފަސްވަނަ ފަންގިފިލާ ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަދި ހަވަނަ ފަންގިފިލާ ގައި ކުދި މީޓިންގ ރޫމްތަކާއި ސެމިނަރ ރޫމެއް ވަނީ ހަދާފަ އެވެ.
މީގެ އިތުރުން ޓެރަސްއެއް ވެސް ހަދާފައިވާއިރު، އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25000 އަކަފޫޓު ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެ އެވެ.
ސަރުކާރުގެ އޮފީސް އިމާރާތުގެ ދަތިކަން ތަހައްމަލް ކުރަންފެށީ ހުރަވީ ބިލްޑިންގ ބޭނުން ނުކުރެވި އެއިމާރާތް ތަންތަން ހަލާކުވެ، އެ ތަނަކީ ބޭނުންކުރުމަށް ރައްކާތެރިތަނެއް ނޫންކަމަށް އިންޖިނިއަރުން ލަފާދީފައިވާތީ އެތަނުގައި ހުރި އޮފީސްތަށް ހުސްކުރަންޖެހުމުގެ ސަބަބުން ނެވެ.
މިގޮތުން، މިއަހަރު ހުރަވީ ބިލްޑިންގ ތަޅާލާފައިވާއިރު، މި އިމާރާތުގެ ސްޓީލް ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތުމުން ސަރުކާރުން ނިންމަވާފައިވަނީ އޮފީސްތަކުގެ ފައިލްތަށް ދިގުމުއްދަތަކަށް ރަށްކާކުރުމަށްޓަކައި އެކަމަށް ޖާގަ ބޭނުންވާތީ މި ސްޓީލް ސްޓްރަކްޗަރ ބޭނުންކޮށްގެން މާލެއާ ކައިރި ރަށެއްގައި ނުވަތަ ވައިގެމަގުން ދެވޭނެ ރަށެއްގައި ފައިލް ރަށްކާކުރުމުގެ އިމާރާތެއް އެޅުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!