ސްކޫލެއްގެ ކާމިޔާބީ ފާހަގަވެގެންދަނީ އެސްކޫލެއްގެ ދަރިވަރުންގެ ތެރެއިން ޤައުމީ ޚިދުމަތަށް ނުކުންނަ ދަރިވަރުންގެ ނިސްބަތުން ކަމަށް ތައުލީމާއިބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ މަޖީދިއްޔާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މުހިއްމު ހިއްސާދާރެއްކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި ދައުލަތުގެ އެންމެ ފާހަގަކުރެވޭ މަޤާމުތަކުގައި މަޖީއްދިއްޔާ ސްކޫލަށް ނިސްބަތްވާ ދަރިވަރުން ތިބުމަކީ ސްކޫލްގެ ކާމިޔާބީކަން ފާހަގަކުރެއްވި އެވެ.
"އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މަދީޖިއްޔާގެ ފުރަތަމަ 50ގެ އަހަރުތަކަށްވުރެ ދެވަނަ 50ގެ އަހަރުތަށް މަޖީދިއްޔާއަށްވަނީ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައި. މިޙާލަތުގައި މާޒީގެ ޝަރަފުވެރި ދުވަސްތައް އަނބުރާ ގެނެވިދާނެތޯ؟ މަޖީދިއްޔާގެ މުސްތަޤުބަލަކީ ކޮބައިތޯ؟ އަޅުގަނޑަށް ވިސްނޭގޮތުން އެހެން މަދުރަސާތަކާއި ވާދަކޮށްގެން އެހެން ސްކޫލްތަކުގެ ޙަރަކާތްތައް ނަކަލުކޮށްގެން މަޖީދިއްޔާއަކަށް އުޖަލާމަގެއް ނުކޮށޭނެ. މަޖީދިއްޔާގެ ރަންދުވަސްތައް ގެނެވޭނީ މަޖީދިއްޔާއަށް މަޖީދިއްޔާ ހެދިކަންތައްތަކަށް ރުޖޫޢަވެގެން." މިނިސްޓަރ ވިދާޅުވި އެވެ.
މަޖީދިއްޔާ ސްކޫލަކީ 1927 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ތިން ވަނައިގެ އިސްނެންގެވުމަކަށް މަދަރުސަތުއް ސަނިއްޔާގެ ނަމުގައި އުފެއްދި ސްކޫލެކެވެ. އެސްކޫލްގެ ނަން މަޖީދިއްޔާ ސްކޫލަށް ބަދަލުކުރެވި، 1947 ގައި 60 ފިރިހެން ދަރިވަރުންނާއެކު ކިޔަވައިދޭން ފެށި މިސްކޫލްގެ 95 އަހަރުގެ ދިގު ތާރީޚުގައި އެތައް ސަތޭކަ ކުދިންނަކަށްވަނީ ތަޢުލީމު ފޯރުކޮށް ދީފަ އެވެ.
މިގޮތުން ރާއްޖޭގައި މިހައިތަނަށް ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަކީ މަޖީދިއްޔާއަށް ނިސްބަތްވާ ބޭފުޅުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!