އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވާނެ އެވެ.

ޕީޕީއެމް އިން ބުނީ އެމަނިކުފާނު ނ. އަތޮޅަށް ފުރާވަޑައިގަންނަވާނީ މިއަދު މެންދުރު ކަމަށެވެ. އަދި އެ އަތޮޅުގެ 5 ރަށަށް ކުރައްވާ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ކެނދިކުޅުދޫ އަށް ކަމަށެވެ.

Ad
rt

މީގެ އިތުރުން އެ އަތޮޅު ހުޅުދޫ އަށް މިއަދު ހަވީރު ވަޑައިގަންނަވާނެ ކަމަށް ވެސް ޕީޕީއެމް އިން ވަނީ ހާމަކުރައްވާފަ އެވެ.

އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީން ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ.

ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ އަތޮޅުތަކަށް ސިލްސިލާ ދަތުރުތަކެއް ކުރައްވަމުން ނެވެ. މިގޮތުން މިދިޔަ ހަފްތާގައި ވަނީ ހއ. އަތޮޅުގެ އިހަވަންދޫ، ދިއްދޫ، ކެލާ، ބާރަށް އަދި ވަށަފަރަށް ވަޑައިގެންފަ އެވެ. އޭގެ ކުރީ ހަފްތާގައި އެމަނިކުފާނު ވަޑައިގަތީ ދ. ކުޑަހުވަދޫ އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނ. އަތޮޅު ދަތުރުފުޅަށްފަހު ދެން އެންމެ އަވަހަށް އެމަނިކުފާނު ވަޑައިގަންނަވާނީ އައްޑޫ ސިޓީ އަށެވެ.