މިއަދު އިރުއޮއްސޭ ވަގުތު، ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް އިރު ކޭތައެއް ހިފާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އޮފީހުން ވިދާޅުވެއްޖެ އެވެ.
"ތިލަދުން" އަށް މަޢުލޫމާތު ދެމުން މެޓް އޮފީހުން ވިދާޅުވީ މި އިރުކޭތަ ހިފާނީ މިއަދު އިރު އޮއްސެން ވަރަށް ކައިރިވެފައިވަނިކޮށް ކަމަށެވެ. މިއިރުކޭތަ ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ފެންނާނެކަމަށް މެޓް އޮފީހުން ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ވަރަށް ކުޑަކޮށް އިރުކޭތަ ފެންނާނެކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ރާއްޖެއަށް ކޭތަ ހިފާފައި ހުންނަތަން 44 ވަރަކަށް މިނެޓު ވަންދެން ފެންނާނެ އެވެ.
ރާއްޖެއަށް އިރުކޭތަ ހިފަން ފަށާނީ ހަވީރު 05:02 ގަ އެވެ. އެންމެ ބޮޑަށް ހިފާފައި ހުއްޓާ ފެންނާނީ 05:26 ގަ އެވެ. އިރުކޭތަ ވީއްލާނީ އިރު އޮއްސޭން 4 މިނެޓަށް ވެފައި ހުއްޓައި 05:46 ގަ އެވެ. ރާއްޖޭގެ އެންމެ އުތުރުން އުލިގަމަށް ބަލާއިރު އެސަރަހައްދަށް އިރު އޮއްސޭނެކަމަށް ލަފާ ކުރެވެނީ 05:50 ގަ އެވެ.

ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މިއަދު ހިފާ އިރުކޭތަ އެންމެ ބޮޑަށް ފެންނާނީ ޔޫރަޕާއި ޔޫރަލްސް އަދި ހުޅަނގު ސައިބީރިއާ އާއި އޭޝިއާ އަދި އެފްރިކާގެ އިރުއުތުރުގެ ގައުމު ތަކަށެވެ. އެންމެ ބޮޑުކޮށް މިކޭތަ ހިފާފައި ހުއްޓައި ފެންނަ ގައުމުތަކަށް، ފެންނާނީ ހަނދުގެ ހިޔަނިން އިރުގެ 82 ޕަސެންޓު ފޮރުވޭތަނެވެ.
Partial Solar Eclipse to begin in 4 hours, visible over the West Eurasia and North Africa.#SolarEclipse2022 #PartialSolarEclipse#Solareclipse
Simulation: @timeanddate pic.twitter.com/DEHIBAqUMr— Karthik Naren (கார்த்திகேயன்) (@nkknspace) October 25, 2022
އިރާއި ހަނދު އަދި ދުނިޔެ ދައުރުވުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮންމެއަހަރަކުވެސް އިރު ކޭތަ އާއި ހަނދު ކޭތަ ހިފައެވެ. މިކޭތަ ރާއްޖެ އަށް ފެންނާނެ ކަމަށް މިއަހަރުގެ ކަލަންޑަރުގައި ހިމަނާފައެއް ނުވެއެވެ.
ކޭތަ ހިފުމަކީ، އިރާއި ހަނދާއި ބިން ދަތުރު ކުރަމުންދާއިރު އެއް ދަނޑިއަކަށް ދިމާވުމެވެ. މިގޮތުން އިރާއި ބިމުގެ ދެމެދަށް ހަނދުވަނުމުގެ ސަބަބުން އިރުން ބައެއް ނުފެންނަ ގޮތްވެއެވެ. ނުވަތަ ހަނދަށް ބިމުގެ ހިޔަނި އެޅުމުގެ ސަބަބުން ހަނދުގެ ބައެއް ނުފެންނަ ގޮތްވެއެވެ.
ހަނދު ކޭތައާއި ހިލާފަށް އިރު ކޭތައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބަލަން ޖެހޭ ކޭތައެކެވެ. އިރުކޭތައަށް އެއްވެސް ހުރަހެއްނެތި ހަމަލޮލުން ބެލުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. ހަމަލޮލުން ސީދާ އިރަށް ބަލައިފިނަމަ ލޮލަށް ދާއިމީ ގެއްލުމެއްވެސް ވެދާނެއެވެ. ލޮލުގެ ފެނުންވެސް ނެތިގެން ހިނގައިދާނެ އެވެ.
އިރުކޭތަ ބަލަން ބޭނުންނަމަ އެކަމުގެ އާލާތްތައް ބޭނުން ކޮށްގެން ބެލުން ވަރަށް މުހިއްމެވެ. އިރުގެ އަލިން ލިބޭ ގެއްލުން ކުޑަކުރުމަށް ހާއްސަ އިކްލިޕްސް އައިނު ރާއްޖެއިންވެސް ލިބެންހުރެއެވެ.
އިރުކޭތަ ބެލުމަށް ދުރުމިއާއި އެކްސްރޭ ގަނޑު ބޭނުން ކުރުމަކީ ވެސް ނުރައްކާތެރިކަމެކެވެ. ދުރުމި ބޭނުން ކުރުމުގެ ސަބަބުން އިރުގެ ނުރައްކާތެރި ދޯދިތައް ލޮލަށް ވަންނަ ނިސްބަތް ބޮޑުވެ ނުރައްކާ ވުމުގެ ފުރުސަތު އޮވެއެވެ. އެކްސްރޭގަނޑު ބޭނުންކޮށްގެން އިރުގެ އައްޔަށް ބެލުންވެސް ރައްކާތެރިކަމަކަށް ނުވެއެވެ. އެކްސްރޭއިން އިރުން ފޮނުވާ ރޭޑިއޭޝަންގެ މިންވަރު ދަށްކޮށެއް ނުދެއެވެ.
އިރުކޭތަ ނުވަތަ ހަނދު ކޭތަ ހިފުމަކީ ވެސް ﷲގެ ކުޅަދުންވަންތަކަމުގެ ތެރެއިންވާ ޢަލާމަތްތަކެވެ.
ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘު ކުރައްވާފައި ވެއެވެ. [إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لَا يَنْكَسِفَانِ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ فَإِذَا رَأَيْتُمُوهُمَا فَادْعُوا اللَّهَ وَصَلُّوا حَتَّى يَنْجَلِيَ ([1])- فَإِذَا رَأَيْتُمُوهُمَا فَكَبِّرُوا وَادْعُوا اللَّهَ وَصَلُّوا وَتَصَدَّقُوا[ ([2]) މާނައީ: ދަންނާށެވެ! އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ ނިޝާންތަކުގެ ތެރެއިން ދެނިޝާނެ އެވެ. އެއިން ތަރިއެއް ކޭތަ ހިފުމަކީ ފަހަރެއްގައިވެސް މީހެއްގެ މަރަކާއި މީހެއް އުފަންވުމަކާއި ގުޅިފައިވާ ކަމެއް ނޫނެވެ. ފަހެ ތިޔަބައިމީހުން އެއިން ތަރިއެއް ކޭތަ ހިފާފައި ހުރިތަން ދެކެފުމުން ކޭތަ ވީއްލަންދެން ތަކްބީރު ކިއުމާއި ދުޢާކުރުމާއި ނަމާދު ކުރުމާއި ޞަދަޤާތްދީ ހެދުމުގައި މަޝްއޫލުވާށެވެ.
ކޭތަ ހިފަނީ ވަކި މީހަކު މަރުވެގެން ނުވަތަ އުފަންވެގެން ނޫނެވެ. ކޭތަ ހިފުން ފަދަ ކަންތައްތަކަކީ ގިޔާމަތް ދުވަހުގެ މަތިން ހަނދުމަކޮށްދެއްވުމަށް މާތްﷲ މިންވަރު ކުރައްވާފައިވާ ކަންކަމެވެ.
"ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދުކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިއުމަކުންނެވެ. ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދުކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިއުމަކުންނެވެ."
މީގެ ކުރިން ރާއްޖޭގައި ކުރި ކޭތަ ނަމާދުގެ ހުތުބާގައި ބުނެފައިވެ އެވެ.
އަދި އެއީ ހަމައެކަނި ޤުދުރަތީ ކަމެއްގެ ގޮތުގައި ނުދެކި، އެކަމާއި މެދު ޝަރުޢީ ނަޒަރަކުން ވިސްނުމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. ކޭތަ ހިފުމަކީ މާތްﷲ އިރަށާއި ހަނދަށް މިންވަރު ކުރައްވާފައިވާ ދައުރުވުންތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!