ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ފަތުހުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާގެ އަޑުއެހުންތައް ޖިނާއީ އިޖުރާތުގެ ގާނޫނުގެ 139 ވަނަ މާއްދާ އަދި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގެ 122 އަދި 123 ވަނަ މާއްދާތަކުގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި އިސް މެޖިސްޓްރޭޓް ފަތުހުﷲ ފަރުވާކުޑަކޮށްފައިވާ ކަމަށެވެ.

Ad
rt

މި މިމައްސަލަ ބަލަން ނިންމާފައިވަނީ މިމަހު 19 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 73 ވަނަ ޖަލްސާއިން ކަމަށް ވެސް ޖޭއެސްސީން ވިދާޅުވި އެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް އަންނަނީ ބަލަމުން ނެވެ. އަދި ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެފަދަ ފަނޑިޔާރުން އަންނަނީ ސަސްޕެންޑް ވެސް ކުރަމުން ނެވެ.

ހަމައެއާއެކު ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވެސް ވެއެވެ.