ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "ޓޫރިޒަމް ނެތް ހދ" ގެ ހާލަތު ތަފާތު ގޮތަކަށް ހދ. ނެއްލައިދޫއިން ދައްކާލައިފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، މިއަދު އެރަށަށް ވަޑައިގެންނެވީ އިރާކޮޅުގެ ވަގުތެއްގަ އެވެ.

Ad
rt

މިނިސްޓްރީގެ ވަފުދަށް މަރުހަބާ ދެނެވެވުމަށް އެރަށު ބަނދަރުމަތި ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ. އެގޮތުން "ޓޫރިޒަމް ނެތް ހދ އަށް މަރުޙަބާ!!" ލިޔެފައިވާ ބެނާއެއްވެސް ބަނދަރުމަތީގައި ދަމާފައިވެއެވެ. މީގެ އިތުރުން "ޓޫރިޒަމަށް 50 އަހަރު، ހދ އަށް އަންނަ އަހަރު!! މީ ހދ. ގެ ހައްޤު މިންވަރު؟" މި އިބާރާތުން ލިޔެފައިވާ ބެނާއެއްވެސް ދަމާފައިވެއެވެ.

މިނިސްޓްރީގެ ޓީމަށް މަރުހަބާ ދެންނެވުމަށް، ގިނަ އަދަދެއްގެ ކުދިބޮޑު ރައްޔިތުން ބަނދަރު މައްޗަށް ޖަމާވެފައިވާއިރު އެސަރަހައްދުގައި ޖަހާފައިވަނީ "ޓޫރިޒަމް ނެތް ހދ" ގެ ލަވައެވެ. އެއީ މީގެ ކުރިން އެއަތޮޅު ރައްޔިތުންގެ އިޙްސާސްތައް ބަޔާންކޮށް ކިޔާފައިވާ ލަވައެކެވެ.

ނެއްލައިދޫއިން މިނިސްޓްރީގެ ވަފުދައް މަރުހަބާކިއުމުގެ ތެރެއިން، ހދ. އަތޮޅުގައި ޓޫރިޒަމްގެ ހާލަތު ދައްކުވައިދިނުމަށް ތަފާތު ހަރަކާތްތަކެއްވެސް ވަނީ ދައްކާލާފަ އެވެ. އެގޮތުން "ރިސޯޓް ނައިޓް ފެރީ" ގެ ނަމުގައި ކެނޯއެއްގައި ފަލިޖަހާ މަންޒަރުވެސް ދައްކުވައިދީފައިވެއެވެ. އަދި ވައިކަރަމުރައިދޫ ސްޕާ އާއި ނާގޯށި، ވައިކަރަމުރައިދޫ، ކުޑަމުރައިދޫ ރިސެޕްޝަން ވެސް ދައްކާލާފައިވެއެވެ. މިނިސްޓަރާއި ވަފުދަށް ކުރުނބާ އަރުވާފައިވަނީ ވެސް އެތަނުންނެވެ.

"ޓްރިޕަލްއޭ އަށް ބަލަދު ނާރާ ވެރިކަމެއް ބޭނުން"

މިނީ ފުރިޖެއްގައި ހަރުކޮށްފައިވާ ލިއުމެއްގައި ވެއެވެ. ޓްރިޕަލް އޭ އަކީ ހދ. އަތޮޅުގެ ދެރަށެއް ރިސޯޓު ހެދުމުގެ ނަމުގައި ނަގައިގެން އުޅޭ ކުންފުންޏެކެވެ. މުޅިރާއްޖެއިންވެސް އެންމެ ކުޑަ ސަރވިސްޗާޖް ދެމުން އަންނަ ހދ. ހޮނޑައިފުއްޓާއި ހދ. ކުޑަމުދައިދޫ އަކީ އެކުންފުންޏަށް ދީފައިވާ ދެރަށެވެ. އެއީ މީގެ 16 ވަރަކަށް އަހަރު ކުރިންނެވެ. ކުޑަމުރައިދޫގައި ރިސޯޓް ތަރައްޤީ ކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ބާތުޓަބެއް ގައި މާޖަހާ ރެޑީކޮށް ސައިކުރައަކާއި ތައްޓެއްވެސް ބަހައްޓާފައިވެއެވެ. މީގެ އިތުރުން މޫދުކުޅިވަރު ކުރޭ ވަރަށް ގިނަ ސާމާނުވެސް އެސަރަހައްދުން ދައްކާލާފައިވެއެވެ.

ނެއްލައިދޫ އަކީ ގިނައަދަދެއްގެ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ރަށެކެވެ.

މިވަފުދުގެ ބޭފުޅުން މިއަދުވަނީ ވައިކަރަދޫ އާއި މަކުނުދޫ އަށް ވެސް ޒިޔާރަތްކުރައްވާފައެވެ.

މީގެ ކުރިންވެސް ޓޫރިޒަމް މިނިސްޓްރީން އެކި އަތޮޅުގެ ރަށްތަކަށް މިފަދަ ދަތުރުތަކެއް ވަނީ ކުރައްވާފަ އެވެ. އެގޮތުން ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

ހދ. އަތޮޅަކީ ފަތުރުވެރިކަން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ އެއް އަތޮޅެވެ. އެއަތޮޅުގައި ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުތަކުން އިޙްމާލުވަމުން ދާކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ.