ބައިނަލްއަގުވާމީ ފުޓުބޯޅައަށް ރަސްމީކޮށް ނެދަލެންޑްސް ތައާރަފުވީ 1905 ވަނަ އަހަރުއެވެ. ދުނިޔޭގެ ފުޓުބޯޅައިގައި ނެދަލެންޑްސްއަކީ ވަގުގަދަ ބާރެކެވެ. ނެދަލެންޑްސް އަށް ލިބިފައިވާ އެންމެ ބޮޑު މާޔޫސްކަމަކީ މިހާތަނަށް ވޯލްޑް ކަޕް ތަށްޓެއް ހޯދިފައި ނުވުމެވެ. ނަމަވެސް އެޓީމުން ވާދަކުރި ވޯލްޑް ކަޕް މުބާރާތް ތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވެއެވެ.

ނެދަލެންޑްސް އިން ވޯލްޑް ކަޕެއްގައި ފުރަތަމަ ވާދަކުރީ 1934 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ނަމަވެސް ވޯލްޑް ކަޕުގައި ވަރުގަދަ ޓީމެއްގެ ގޮތުގައި ނެދަލެންޑްސް ފާހަގަވާން ފެށީ 1974 ވަނަ އަހަރުން ފެށިގެންނެވެ. ޖަރުމަނުގައި ބޭއްވި 1974ގެ ވޯލްޑް ކަޕުން ނެދަލެންޑްސް އިން ރަނަރަޕްކަން ހޯދި އިރު، 1978 ގައި އާޖެންޓީނާގައި ބޭއްވި ވޯލްޑް ކަޕު ވެސް ނެދަލެންޑްސް ނިންމާލީ ރަނަރަޕުންގެ ގޮތުގައެވެ. އޭގެ ފަހުން 2010 ވަނަ ސައުތް އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ވެސް އެގައުމުން ނިންމާލީ ރަނަރަޕް ޓީމުގެ ގޮތުގައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑް ކަޕގެ ސެމީއަށް ދަތުރުކުރިއިރު، އެންމެ ފަހުން 2018 ވަނަ އހަރު ރަޝިއާގައި ބޭއްވުނު މުބާރާތައް ނެދަލެންޑްސް ކޮލިފައިއެއް ނުވެއެވެ.

Ad
rt

ކޯޗު

ނެދަލެންޑްގެ ކޯޗަކީ އެގައުމަށް އުފަން އުމުރުން 71 އަހަރުގެ ލުއިސް ވެން ހާލްއެވެ. އޭނާ އަކީ މުޅި ދުނިޔޭގައިވެސް މަގްބޫލު ކޯޗެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެން ހާލް އަކީ މާ މަޝްހޫރު ފަރާތެއް ނޫންނަމަވެސް އޭނާ އަކީ ކޯޗެއްގެ ގޮތުގައި މަޝްޙޫރު ފަރާތެކެވެ. ޔޫރަޕުގެ މަޝްހޫރު ގިނަ ކުލަބުތަކަކަށް ވެންހާލް ކޯޗު ކޮށްދިނެވެ. އޭގެތެރޭގައި ބާސެލޯނާ، މެންޗެސްޓަރ ޔުނައިޓެޑް، އަޔެކްސް، ބަޔާން މިޔުނިކް ފަދަ ކުލަބުތައް ހިމެނެއެވެ. މި ކުލަބުތަކާއި އެކު ކާމިޔާބީތައް ވެސް ހޯދިއެވެ.
ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަމާއި ހަވާލުވީ 2021 ވަނަ އަހަރުގައެވެ. މިއީ އޭނާ ނެދަލެންޑްސްގެ ކޯޗުކަމާއި ހަވާލުވި ތިންވަނަ ފަހަރެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕު މުބާރާތަކީ ވެން ހާލްގެ ކޯޗުކަމުގައި ނެދަލެންޑްސް ވާދަކުރާ ދެވަނަ ވޯލްޑް ކަޕް މުބާރާތެވެ. ވެލް ހާލްގެ ކޯޗުކަމުގައި ނެދަލެންޑްސް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މުހިންމު ކުޅުންތެރިން

ވާޖިލް ވެން ޑައިކް

ނެދަލެންޑްސް އަކީ ތަރިން ގިނަ ޓީމެކެވެ. ހައްތާވެސް ތަރިންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ނަން މަޝްހޫރު އެއް ތަރިއަކީ ލިވަޕޫލްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް އެވެ.
މިފަހަރުގެ ޓީމުން ނެދަލެންޑްސްގެ އެންމެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ލިވަޕޫލުގެ ޑިފެންޑަރ ވާޖިލް ވެން ޑައިކްއެވެ. ވެން ޑައިކް އަކީ ޓީމުގެ ކެޕްޓަން ވެސް މެއެވެ. ނެދަލެންޑްސްއަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ވެން ޑައިކް، މީގެ ކުރިން ވޯލްޑް ކަޕެއްގައި ކުޅެފައެއް ނުވެއެވެ. މިއީ އޭނާ ފުރަތަމަ ވޯލްޑް ކަޕެވެ. މިހާތަނަށް ނެދަލެންޑްސްއަށް ކުޅުނު 49 މެޗުން އޭނާ ވަނީ ހަ ގޯލު ޖަހައިދީފައެވެ.

ޒެންޑެލް ޑަމްފްރައިސް

ޒެންޑެލް ޑަމްފްރައިސް އަކީ ވެސް ނެދަލެންޑްސްގެ ޑިފެންސް ލައިނުގައި މުހިންމު ކުޅުންތެރިއެކެވެ. އިޓަލީގެ އިންޓަ މިލާނުގައިވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޑަންފްރައިސް ނެދަލެންޑްސް ގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުމަށް ފަހު ނެދަލެންޑްސްގެ ސީނިއަރ ޓީމަށް ކުޅެން ފެށީ 2018 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް ނެދްލެންދްސްގެ ގައުމިޓީމަށް 37 މެޗު ކުޅެދީ ފަސް ގޯލުވެސް ޖަހައިދީފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ނެދަލެންޑްސް ހިމެނެނީ ގުރޫޕު އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި އެކުއެޑޯ އަދި ސެގެގާލް އެވެ. މި ގުރޫޕުގެ ފޭވަރިޓުންނަކީ ނެދަލެންޑްސްއެވެ. މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ނެދަލްންޑްސް ދާނެކަމަށް ބެލެވެއެވެ. ނަމަވެސް މި ގުރޫޕުގައި ހިމެނޭ ސެނެގާލް އަދި އެކުއެޑޯ އަކީ ވެސް ވަރުގަދަ ދެ ޓީމެކެވެ. އެހެން ކަމުން ބެދަލެންޑްސް އަށް މި ގުރޫޕަކީ ފަސޭހަ ގުރޫޕެއް ކަމަށް ނުބެލެވެއެވެ.