ކޮންމެ މީހަކީ ވެސް ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތައި، މުޖްތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފި އެވެ.
ގައުމީ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭރުން އަޅުގަނޑުމެންނަކީ ފަޚުރުވެރި ޤައުމިއްޔަތެއްގެ މަތީގައި ސާބިތުވެ ތިބި ބަޔަކަށް ވެގެންދާނެ ކަމަށެވެ. އަދި ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި ހުންނަނީ އެންމެހައި ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި މުޖްތަމަޢުގެ ހަމަޖެހުމަށް ކަމަށެވެ. އަދި މުޅި ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ކަމަށެވެ.
މީގެ އިތުރުން ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަށާއި މުޖްތަމަޢުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ވެސް ޙައްލުކުރުމަށް ކަމަށެވެ. އަދި ކޮންމެ ނިޔަތެއްގައި ވިޔަސް، ޤާނޫނީ އިމުން ނެއްޓިގެން ކުރާ އެއްވެސް ކަމަކުން މުޖްތަމަޢުގެ މަޞްލަޙަތެއް ނުހިފެހެއްޓޭނެކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.
"އަޅުގަނޑުމެންގެ މެދުގައި ޤައުމީވަންތަކަމާއި ޤައުމިއްޔަތުގެ ރޫޙު ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް. އަޅުގަނޑުމެން އެންމެން މިއަދު އުޅެމުން މިއަންނަނީ ފުރިހަމަ މިނިވަންކަމާއި ޙައްޤުތައް ވެސް ލިބިގެން. ހުޅުވައިލެވިފައިވާ ޑިމޮކްރެޓިކް ޖައްވެއްގައި. ޑިމޮކްރެސީއެއް ދެމެހެއްޓުމުގައިވެސް އެންމެ މުހިންމު ކަމަކީ، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުން. އެއްބަސްވެވިފައި ހުރި ހަމަތަކާއި އުޞޫލުތަކާއި ކަންކަމަށް އެންމެން ތަބާވުން." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޤައުމިއްޔަތު ދިރުވުމަކީ، އެ ޤައުމެއްގެ އެންމެހައި ސިފަތަކާއި އަގުތަކަށް ލޯބިކުރުން ކަމަށާއި އެ ޤައުމެއްގެ ކީރިތިކަމާއި ހައިބަވަންތަކަން ޤަބޫލުކުރުން ކަމަށެވެ. އަދި ޤައުމިއްޔަތުގެ އެންމެހައި ރުކުންތައް ދަމަހައްޓައި ނެގެހެއްޓުން ކަމަށެވެ.
ހަމަމިއާއެކު އެބައެއްގެ އެއްމެދު ޤަބޫލުކުރުންތަކާއި ހަމަތަކަށް އިޙްތިރާމްކުރުމާއި އެބަޔަކާ ލާމެހިފައިވާ ތަބީއީ ހުރިހާ ކަންކަމާ މެދު އަގަލާއި ކުލުނު އުފެއްދުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި ހަމައިން ޤައުމަކާ މެދު ދެކެން ފަށައިފި ނަމަ، އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ޤައުމިއްޔަތަށް ވުރެ އަގުމާތް ޖައުހަރެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޤައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ، އެބައެއްގެ މެދުގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ކަމަށާއި އަޅުގަނޑުމެން އުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި ކަމަށެވެ. އަދި އެހެން ޤައުމުތަކާ އެކުގައި ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމަކީ ވެސް ޤައުމިއްޔަތު ދިފާޢުކުރުމަށްޓަކައި ހަމަ އެހާމެ ބޭނުންތެރި ކަމެއްކަން ވަނީ ފާހަގަކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!