ށ. ނަރުދޫ ކައުންސިލް ކުރިމައްޗަށް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވެ މުޒާހަރާ ކުރަން ފަށައިފިއެވެ.

ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު ''ތިލަދުން'' އަށް ވިދާޅުވީ، ކައުންސިލް އިދާރާ ދޮށަށް އެއްވެ އެރަށުގެ ބަޔަކު މުޒާހަރާ ކުރަމުންދަނީ ''މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022''ގެ ހޭންޑް ބޯލް މުބާރާތުގެ އެއް ވެސް މެޗެއް އެރަށުގައި ނުކުޅެން އަތޮޅު ކައުންސިލުން ނިންމުމުން އެކަމާ ހިތްހަމަނުޖެހިން ކަމަށެވެ.

Ad
rt

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ށ. އަތޮޅުގައި ކުރިއަށް ގެންދާ ''މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ގެ ފުޓްސަލް މުބާރާތް އިއްޔެ ނިންމާލާފައިވާއިރު، އެ މުބާރާތް ކުޅުނު ތިން ރަށުގެ ތެރޭގައި ނަރުދޫ ހިމެނެއެވެ. އަދި އެ މުބާރާތް ފެށި މެޗާއި ފައިނަލް މެޗް ވެސް ކުޅުނީ ނަރުދޫ ގައެވެ.

ނަރުދޫގެ 200 ރައްޔިތުން ކައުންސިލް އިދާރާ ކައިރިއަށް އެއްވެ، ހިންހަމަނުޖެހުން ފާޅުކުރަމުން ދަނީ މިލައުތު ސްޕޯޓްސް ފިއެސްޓާ ބޭއްވުމަށް ނިންމި ތިން ރަށުގެ ތެރޭގައި ނަރުދޫ ހިމެނި، އެ ފިއެސްޓާގެ ފުޓްސަލް މުބާރާތަށް ފުރިހަމަ މެހްމާންދާރީއެއްދީ، މުބާރާތުގެ ކަންކަން ވަރަށް ފުރިހަމައަށް ނިންމާލާފައި ވަނިކޮށް ހޭންޑް ބޯލް މުބާރާތް ބޭއްވުމުގައި އެރަށަށް ފުރުސަތު ނުދިނުމުންނެވެ.

ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު ވިދާޅުވި ގޮތުގައި ކުރިން މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022 ބާއްވަން ނިންމީ ތިން ރަށެއްގަ އެވެ. އެ ފިއެސްޓާގެ ފުޓްސަލް މުބާރާތް އިއްޔެ ނިމިފައި ވަނިކޮށް، އަތޮޅު ކައުންސިލްގެ މިއަދުގެ ޖަލްސާއިން ފިއެސްޓާގެ ހޭންޑް ބޯލް މުބާރާތް ދެ ރަށުގައި ބާއްވަން ނިންމައި ނަރުދޫއަށް ފުރުސަތު ދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފޭދޫ އާއި ޅައިމަގު ގައެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އިއްޔެ ނިންމާލި ފުޓްސަލް މުބާރާތުގައި ވެސް ރައްޔިތުންގެ ބައިވެރިވުން އެންމެ ބޮޑަށް ދިނީ ނަރުދޫން ނެވެ. އަދި އެރަށް ފުރިހަމައަށް ތައްޔާރުކޮށް މުބާރާތް ކުޅުނު ޓީމްތަކާއި، ސަޕޯޓަރުންނަށް ނަރުދޫން ފުރިހަމަ މެޙްމާން ދާރީއެއް ދިންކަން މުސްތަރުސިދު ފާހަގަ ކުރެއްވިއެވެ.

''ހޭންޑް ބޯލް މުބާރާތުގައި ޅައިމަގާއި ނަރުދޫ ބައްދަލުކުރާ މެޗް ފިޔަވައި އެހެން މެޗްތައް މިރަށުގައި ކުޅޭނެ ކަމުގެ ޔަގީން އަތޮޅު ކައުންސިލުން މިރަށަށް ކުރި ޒިޔާރަތުގައި ވަނީ ދީފައި'' މުސްތަރުސިދު ވިދާޅުވިއެވެ.

ނަރުދޫގެ ރައްޔިތުން ވެސް ހޭންޑް ބޯލް މުބާރާތުގެ މެޗުތަކެއް އެރަށުގައި ކުޅެން އެހާބޮޑަށް ބޭނުންވެފައި ތިއްބައި އެރަށަށް ފުރުސަތު ނުދިނުމަކީ ރައްޔިތުން ހިތާމަ ކުރާކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ނަރުދޫން އަތޮޅު ކައުންސިލްގެ ކަންކަށް ފުރިހަމަ އެއްބާރުލުންދޭއިރު، ރައްޔިތުންގެ މި އެދުމަށް އަތޮޅު ކައުންސިލުން އިޖާބަ ދޭންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް މުސްތަރުސިދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) ''ތިލަދުން'' އަށް ވިދާޅުވީ، ފުޓްސަލް މުބާރާތަށްފަހުމ ހޭންޑް ބޯލް މުބާރާތް ކުރިއަށް ގެންދިޔުމާމެދު ރޭގައި އަތޮޅު ކައުންސިލް މެންބަރުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެ މުބާރާތުގެ ތަޖުރިބާގެ އަލީގައި ތިން ރަށެއްގައި މުބާރާތް ކުޅުމުން ދަތިތަކެއް ހުރުމުން ހޭންޑް ބޯލް މުބާރާތް ދެ ރަށެއްގައި ކުޅުމަށް އަތޮޅު ކައުންސިލުން މިއަދު ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''އަތޮޅު ކައުންސިލްގެ މި ނިންމުމަށް އަޅުގަނޑު ވެސް އިޚްތިރާމް ކުރަން، އަދި ނަރުދޫ ރައްޔިތުންގެ ޝުއޫރުތަކަށް ވެސް އިހްތިރާމް ކުރަން، މި ފިއެސްޓާއާއިއެކު ފެނިގެން މިދަނީ މިފަދަ މުބާރާތްތަކަށް އަތޮޅުގެ ޒުވާނުންނާއި ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު، މިހާ ގިނަ ދުވަސްކޮށްފަ އަތޮޅު ލެވެލްގައި މުބާރާތްތަކެއް ކުޅޭއިރު އެކަމުގެ ރޫޙާއި، ޖޯޝް އާލާވެގެން ދިޔަ މަންޒަރު މިފެންނަނީ'' ޝިޔާމް ވިދާޅުވިއެވެ.

ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.