ދިވެހިރާއްޖޭ ރައްޔިތުންގެ އަތުން ނަގަމުން ގެންދާ ޓެކްސް ބޮޑު ނުކުރެއްވުމަށް ހއ. އިހަވަންދޫ ކައުންސިލުން ގޮވާލައިފި އެވެ.
އެ ކައުންސިލުން މިފަދައިން ގޮވައިލާފައި މިވަނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް ގެނައުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނުގަ އެވެ.
އެ ކައުންސިލުން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން، ރައްޔިތުންގެ އަތުން މިހާރު ނަގަމުންދާ ޓެކްސް ބޮޑުތަނުން ބޮޑުކޮށް، 2023 ވަނަ އަހަރުން ފެށިގެން ޓެކްސް ނެގުމަށް ނިންމަވާ ނިންމުމާމެދު އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
"ދިވެހި ގައުމުގެ މާލީވަޒީރު ގެ ބަސްފުޅުން މިގައުމަށް ލިބޭ އާމްދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ ގައުމުގެ އިޤްތިސާދު ރަނގަޅުވަމުން ދާކަން އެނގޭކަން ފާހަގަކުރާކަމަށާއި ދިވެހިގައުމުގެ ނިކަމެތި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް ރައްޔިތުން ނިކަމެތި ކޮށްލުމުގެ ސިޔާސަތު ހުއްޓާލެއްވުމަށް ވެސް ގޮވައިލަން"
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އަށާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް އެ ކައުންސިލުން ވަނީ ގޮވައިލާފަ އެވެ.
އެކައުންސިލުން ކަންބޮޑުވާ ކަންކަމުގެ ތެރޭގައި އިތުރަށް ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ރައްޔިތުން ޒަރޫރީގޮތުން އަދި އެނޫން މުހިއްމު ބޭނުން ކުރަންޖެހޭ ތަކެތީގެ އަގު ވަރަށް ބޮޑުތަނުން އުފުލި، މަސްވެރިންނާ އެނޫން ވެސް ތަފާތު އެކި މަސައްކަތްތައް ކުރައްވާ ފަރާތްތަކަށް ލިބޭ އާމްދަނީ މަދުވުން ފާހަގަކުރައްވާފަ އެވެ. އަދި މަސްވެރިކަން ކުރުމަށް ބަންނަމުން ގެންދާ ފައިބަރު ދޯނިފަހަރު ބަނުން ހުއްޓި، މަސްވެރިކަން ކުރުމަށް ބަނދެފައިވާ ދޯނިފަހަރަށް މަހަށް ނުފުރި، މަހުގެ އަގުވެއްޓި މަސްކިލޯއަށް ލިބޭ އަގަށްވުރެ ތެޔޮލީޓަރެއްގެ އަގުބޮޑުވެ މަސްވެރިކަމުން ލިބޭ އާމްދަނީ ބޮޑުތަނުން މަދުވުން ވެސް ހިމެނެ އެވެ.
"ސަރުކާރުން ދިވެހި ރައްޔިތުންގެ ހާލަތަށް ބެލުމެއްނެތި އެއްވެސް ހަމައެއް ލަމައެއް އިމެއްނެތި، މަގާމުގެ މަސްއޫލިއްޔަތެއް ޒިންމާއެއް، އިށިއިންނާނެ ގޮނޑިއެއް ސޮއިކުރާނެ ފޮތެއް ވަންނާނެ އޮފީހެއް ވެސް ނެތި ތަފާތު ގިންތިތަކުގައި، ސިޔާސީ މަޤާމުތައް ބޮޑު މުސާރައާއެކު އިތުރު ކުރައްވަމުން ގެންދާކަން ވެސް ވަނީ ފާހަގަ ކުރައްވާފަ"
އެ ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތާއި އެނޫން ވެސް ތަފާތު މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތައް ވެސް ބަގުރޫޓުވުމުގެ އިންޒާރު ދެމުން ދާއިރު، ބޭންކުތަކުން އާންމު ރައްޔިތުން ނަގާފައިވާ ލޯނުތައް ނުދެއްކި ރައްޔިތު މީހާގެ އާންމު ދިރިއުޅުމުގެ ހަރަދު ބޮޑުވެފައިވުމަކީ ވެސް އެ ކައުންސިލުން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!