އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކޮންމެ އަހަރަކު ބާއްވަމުންދާ ފަޔަރ އެކްސަސައިޒްގެ މިއަހަރުގެ ސިލްސިލާކަމުގައިވާ "ޖައްރާފާ 2019" މިއަދު ފަށައިފިއެވެ.
އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހަވީރު ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކާނަލް ޢަބްދުﷲ އިބްރާހީމް އެވެ.
MNDF Fire and Rescue Service ge Exercise "Jarrafa 2019" miadhu fashaifi. Mi Exercise kuriyah dhaanee mi mahuge 6 - 8 ah Male' Sarahaddhu gai. pic.twitter.com/ISl8gPGnoa
— Maldives National Defence Force (@MNDF_Official) November 6, 2019
މިމަހުގެ 6 އިން 8 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް ޖައްރާފާ" ގެ ތަމްރީނުތައް ކުރިއަށްދާނީ މާލޭ، ހުޅުމާލޭ، ތިލަފުށި އަދި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައެވެ. މީގެއިތުރުން އޭރިއާތަކުގައި ޤާއިމްކުރެވިފައިވާ ފަޔަރ ސްޓޭޝަންތަކުން މި އެކްސަސައިޒްގައި ބައިވެރިވުމުގެ ގޮތުން ފަޔަރ ސްޓޭޝަން ހުންނަ ރަށުގައި އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ އެކިއެކި ފަރިތަކުރުންތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެކްސަސައިޒް ޖައްރާފާއަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަމަލުކުރަމުން އަންނަ "ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭން" ޓެސްޓްކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދެވޭ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭންގައި ހިމެނޭ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޒިންމާއާއި މަސްޢޫލިއްޔަތުތަކާއި، އަލިފާންނިވާ މީހުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ ތަކެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ފަރިތަކުރެވޭނެއެވެ.
އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު ނަދީމް އިބްރާހީމާއި އެޔުނިޓްގެ ގިނައަދަދެއްގެ ފަޔަރ ފައިޓަރުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!