އަންނަ 2020 ވަނަ އަހަރަށް ލަފާކޮށް ނެރުނު ބަޖެޓުގައި ޕްލޭން ކޮށްފައިވާ އިޖުތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާމުތަކުގެ ތެރޭގައި އައްޑޫ ސިޓީ އަދި ބ. އޭދަފުށީގައި ކުޑަކުދިންގެ ހިޔާއެއް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި އެވެ.
ބަޖެޓުގައި އިސްކަން ދީފައި ވާނީ ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް އެހީތައް ދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމްކުރުމަށްކަމަށް މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގެ ބަޖެޓުގައި އައްޑޫ ސިޓީގައި ގާއިމު ކުރާ ހިޔާއަށް 1.64 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.އަދި އެ މަޝްރޫއަށް 2021 އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 12.73 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
އޭދަފުށީގައި ގާއިމު ކުރަން ނިންމާފައިވާ ކުޑަކުދިންގެ ހިޔާއަށް އަންނަ އަހަރުގެ ބަޖެޓުގައި 1.97 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، 2021 ގެ ބަޖެޓުގައި 7.39 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައި 492،500 ރުފިޔާ ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން ހުޅުމާލެ އާ ލ. އަތޮޅުގައި އުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއް ގާއިމުކުރުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
މިހާރު ސަރުކާރުގެ ފަރާތުން ކުދިން ބަލަހައްޓަމުން އަންނަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ކަމަށް ވާއިރު އަލަށް އިމާރާތް ކުރާ ކުޑަކުދިންގެ ހިޔާއާއި އެކު އަންނަ އަހަރަށް ހުށަހަޅައިފައިވާ ބަޖެޓުގައި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް 3.10 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!