ސުވާލު: ސުތުރާއަކާ ނުލާ ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސް ކުރެވޭނީ ކިހާ ހިސާބަކުން؟

sutrah-612x318

ނަމާދު ކުރަން ހުންނަ މީހެއްގެ ކުރިމަތިން ހުރަސްކޮށްފައި ދިއުމަކީ އާދައިގެ ކަމެއް ނޫނެވެ.

އެއީ ޙަރާމް ކަމެކެވެ. އަދި ކިއެއްތަ އެެއީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ.

" لو يعلم المار بين يدي المصلي ماذا عليه لكان أن يقف أربعين خيرا له من أن يمر بين يديه " . قال أبو النضر – وهو أحد الرواة - : لا أدري أقال : أربعين يوما أو شهرا أو سنة . أخرجه البخاري (510) ، ومسلم (507) عن أبي جهيم رضي الله عنه .

މާނަ: “ނަމާދުކުރާ މީހާގެ ކުރިމަތިން ހުރަސް ކަނޑާ މީހާއަށް އެ ފާފައިގެ ބޮޑުކަން އެނގޭ ނަމަ، އޭނާގެ ކުރިމަތިން ހުރަސްކުރުމަށްވުރެ އެތާގައި ސާޅީސް ވަންދެން ކޮޅަށް ހުރުން ވެސް އޭނާގެ މައްޗަށް ހެޔޮކަން ބޮޑުވެގެންވެއެވެ.”

މިޙަދީޘް ރިވާކުރެއްވި ރާވީއެއް ކަމަށްވާ އަބުއްނަޟްރު ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވީ ސާޅީސް ދުވަސް ކަމެއް ނުވަތަ ސާޅީސް މަސް ކަމެއް ނުވަތަ ސާޅީސް އަހަރު ކަމެއް ތިމަންނާއަކަށް ނޭނގެއެވެ. މިއީ އިމާމް ބުޚާރީ އާއި މުސްލިމްވެސް ރިވާ ކުރައްވާފައިވާ ސައްޙަ ޙަދީޘެކެވެ.

އެހެންކަމުން ނަމާދު ކުރަން ހުރި މީހާ ހުރީ ސުތުރާއެއް ނަގައިގެން ނުވަތަ ނުނަގައި ކަމުގައިވިޔަސް އޭނާގެ ކުރިމަތިން ހުރަސްކޮށްގެން ނުވާނެއެވެ. ސުތުރާއަކީ ނަމާދު ކުރާމީހާގެ ކުރިމަތިން ހުރަސްކެނޑުން ހުއްޓުވުމުގެ ގޮތުން، ނަމާދު ކުރާ ވަގުތުގައި ކުރިމަތީގައި ބެހެއްޓޭ އެއްޗެކެވެ. ސުތުރާއެއްގެ ގޮތުގައި މިސްކިތުގެ ފާރު ނުވަތަ ތަނބެއް ނުވަތަ ގޮނޑިއެއްފަދަ އެއްޗެއްވެސް ބޭނުން ކުރެވިދާނެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘްފުޅެއްގައި ވެއެވެ. (لا تصل إلا الى سترة، ولا تدع أحدا يمر بين يديك، فإن أبى فتقاتله،فإن معه القرين) رواه مسلم

މާނަ: "ތިބާ ސުތުރާ ނަގައިގެންހުރެ ނޫނީ ނަމާދު ނުކުރާށެވެ. އަދި ތިބާގެ ކުރިމަތިން އެއްވެސް މީހަކު ހުރަސްކޮށްފައި ދިޔަ ނުދޭށެވެ. (ހުރަސްކޮށްފައިދާ މީހާއަށް މަނާކުރުމުން) އޭނާ ދެކޮޅުހަދައިފި ނަމަ އޭނާއާ ހަނގުރާމަކުރުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އޭނާއެކުގައި ޝައިޠާނާވެ އެވެ."

އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާ އެއް ބަހައްޓާފައި ހުރިނަމަ އެސުތުރާ އާއި ނަމާދުކުރާ މީހާއާއި ދެމެދު ހިނގުމަކީ ޙަރާމް ކަމެކެވެ. ނަމަވެސް އެ ސުތުރާގެ ފަހަތުންހިގުމަކީ ހުއްދަކަމެކެވެ.

ދެން އުފެދޭ ސުވާލަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ނަމާދު ކުރާއިރު ސުތުރާއެއް ނުބަހައްޓައެެވެ. އެހެންކަމަށް ވާނަމަ މިސްކިތްތެރޭގައި ހިނގާބިނގާވެ އުޅޭ މީހުން، ހިނގާނީ ކިހިނެތް ހެއްޔެވެ؟ ކިތަންމެ ދުރުންވެސް ނަމާދު ކުރާ މީހާގެ ކުރިމަތިން ހުރަސްކޮށްފި ނަމަ އިސްވެދެންނެވުނުފަދައިން ފާފަވެރިވާނެ ހެއްޔެވެ؟ ނުވަތަ ހުރަސް ކޮށްލެވޭނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ރާއްޖޭގެ މިސްކިތްތަކުގައި އެގޮތަށް ސުތުރާއަކާ ނުލާ ވަކިން ނަމާދު ކުރަން ތިބޭ މީހުންގެ ކުރިމަތިން ހުރަސް ކުރެވޭނީ ކިހާ ހިސާބަކުން ކަން ނޭނގޭތީވެ، މިސްކިތްތަކުގައި ހިނގައި ނުގަނެވިފައި ހުއްޓިފައި ތިބޭ މީހުން ވަރަށް ގިނައި ފެނެއެވެ. އެހެންކަމުން މިކަމާމެދު ވާހަކަ ދައްކާލަމާ ހިނގާށެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން ޝައިޚް މުނައްޖިދުގެ ދީނުގެ ސުވާލާއި ޖަވާބު ހިމެނޭ ވެބްސައިޓުގައި ލިޔެފައިވާގޮތުން، މިމައުޟޫޢުގައި ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، އެފަދައިން ސުތުރާއަކާ ނުލާ ނަމާދު ކުރާ މީހާގެ ކުރިމަތިން ހުރަސްކުރާނަމަ، އޭނާ ސަޖިދަ ޖަހާ ހިސާބަށްވުރެ ދުރު ކޮންމެ ހިސާބަކުންވެސް ހުރަސް ކުރެވިދާނެއެވެ.(1) އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުފައިވެއެވެ.

“ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން އެންމެ ޙައްޤާ ގާތް ވެގެންވާ ބަހަކީ، (ހުރަސްކެނޑުން މަނާވެގެންވާ ހިސާބަކީ) ނަމާދު ކުރާމީހާގެ ދެފަޔާއި ސަޖިދަ ޖަހާ ހިސާބާ ދެމެދެވެ. ސަބަބަކީ ނަމާދު ކުރާ މީހާއަށް (މިސްކިތުން) އޭނާ ނަމާދުކުރަން ބޭނުންވާ ހިސާބަށް ވުރެ ބޮޑު ބަޔަކަށް ޙާޖަތްނުޖެހޭތީއެވެ. އެހެންކަމުން އޭނާއަށް ޙާޖަތް ނުޖެހޭ ހިސާބަކުން މީހަކު ހިނގާފައި ދިއުން މަނާކުރުމުގެ ޙައްޤެއް އޭނާއަކަށް ނުވެއެވެ.”(2)

ކަން މިހެން އޮތް ކަމުގައި ވީނަމަވެސް އިމާމެއްގެ ފަހަތުގައި ނަމާދުކުރާ މައުމޫމުންގެ ކުރިމަތިން، ދެސަފުގެ ދެމެދުން ހުރަސްކުރުމަކީ އަދި ހިނގުމަކީ މައްސަލައެއް ނޫނެވެ. ސަބަބަކީ ދަލީލު ތަކުން އެނގޭ ގޮތުގައި އިމާމާގެ ސުތުރާއަކީ މައުމޫމުންގެވެސް ސުތުރާއެވެ. އިމާމް ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ސައްޙަ ޙަދީޘެއްގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިމާމްވެ ނަމާދު ކުރެއްވި ޖަމާޢަތެއްގެ ސަފުތައް ދެމެދުން ވަޑައިގެންކަމަށް ވެއެވެ. އަދި އެކަމަށް އެއްވެސް މީހެއް އިންކާރު ނުކުރައްވާކަމަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.(3)

(1) المرور بين يدي المصلي - الإسلام سؤال وجواب (islamqa.info)

(2) الشرح الممتع ( 3 / 340 )

(3) ޙަދީޘުގެ ރިފަރެންސް: ބުޚާރީ (76)، މުސްލިމް (504)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *