ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގައި މިއަދު ކުޅުނު މެޗުތައް އައްޓޯ އެފްސީ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން، އިން ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު އައްޓޯ އެފްސީއާއި ލަޔަން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އައްޓޯ އެފްސީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 15، އަހްމަދު ސިނާޒް އެވެ.
މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެންޓާން އެފްސީއާއި އެސްޕޯޓެސް ޖުވެނިސްއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެސްޕޯޓެސް ޖުވެނިސްއެވެ. މި މެޗުގައި އެސްޕޯޓެސް ޖުވެނިސްއަށް ލަނޑުތައް ޖަހައިދީފައި ވަނީ އާދަމް އަބްދުﷲ، އިބްރާހީމް ރަމީޒްގެ އިތުރުން މާނިޢު އަބްދުލް މުހުސިނެވެ. ލެންޓާންއަށް އަލީ ސަމާހް އެއްލަނޑު ކާމިޔާބު ކޮށްދީފައިވާއިރު، އަނެއް ލަނޑަކީ އެސްޕޯޓެސް ޖުވެނިސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެސްޕޯޓެސް ޖުވެނިސްގެ ޖޯޒީ ނަމްބަރު 4، ހުސްނީ މުބާރަކެވެ.
މިރޭގެ ފަހު މެޗުގައި ވާދަކޮށްފައި ވަނީ ޓާފް ކުއީންއާއި ބީޗް ސިޓީ ވިމެންސްއެވެ. މިއީ އަންހެން ކެޓަގަރީގެ މެޗެކެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޓާފް ކުއީންއެވެ. ޓާފް ކުއީން ޓީމަށް ލަނޑުތައް ޖަހައި ދީފައި ވަނީ އައިމިނަތު އަބްދުﷲގެ އިތުރުން ރައުފާ އިބްރާހީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓާފް ކުއީންގެ ޖޯޒީ ނަމްބަރު 4، ރައުފާ އިބްރާހީމެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ހަވީރު 16:30 ގައި ބައްދަލުކުރާނީ އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯއެވެ. ދެވަނަ މެޗުގައި މާދަމާ ރޭ 20:00 ގައި ބައްދަލުކުރާނީ ޒީރު ސްޓާރސްއާއި ބީޗް ސިޓީ ވިމެންސްއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.
މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!