ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ނަރުދޫ ހޯދައިފިއެވެ.
މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ނަރުދޫއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ނަރުދޫން ވަނީ ކަށަވަރު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނަރުދޫ ޓީމްގެ ޖޯޒީ ނަމްބަރު 23، އިސްމާއިލް ޝާފިއުއެވެ.
ފުނަދޫއާއި ނަރުދޫ ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައި ވަނީ ނަރުދޫ ފުޓްސަލް ދަނޑުގައެވެ.
މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!