ވެރިކަން ލިބިއްޖެނަމަ ފަސް އަހަރުގެ ދައުރު ނިންމާނީ ހއ. ދިއްދޫ ފަޅު ހިއްކައި އެއަރޕޯޓެއް އަޅައިދީފައި ކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

ރައީސް ޔާމީން ވިދާޅުވީ 2023 ވަނަ އަހަރުގެ ކަޅުފޮއި މޫސުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި އަޅުގަނޑުމެންނަކީ މާތްﷲ ގެ ތަނަވަސް ރަޙްމަތުން މަޙްރޫމްވެފައި ތިބި ބަޔެއްކަމަށް އަމިއްލައަށް ނިންމައިގެން ނުވާނެ ކަމަށެވެ. ނާއުންމީދުވާ ކަންކަން އަންނާނެ ކަމަށާއި އެއީ ފިތުރަތުގެ ތޮބީއަތު ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހި ލޭ ހިނގާހާ ހިނދަކު، ނޭވާ ހިނގާހާ ހިނދަކު ނާއުންމީދުކަން އުންމީދަކަށް ބަދަލު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، "އަޅުގަނޑުމެންގެ މުޅި ކަޅުފޮއި މޫސުން ނިންމުމުގެ އުފާވެރިކަން އަޅުގަނޑުމެނަށް މިންވަރުކުރަށްވައިފިކަމަށް ވަންޏާ އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަގައިމުވެސް ދިއްދޫ ފަޅު ހިއްކާފަ އެއާޕޯޓެއް އަޅައިދީފަ." ކަމަށެވެ.

އައިލެންޑް އޭވިއޭޝަން ހިންގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވަނީ 2018 ވަނަ އަހަރު ނިމިގެންދިޔައިރު ވެސް އައިލެންޑް އޭވިއޭޝަނަކީ ސަރުކާރަށް ފައިދާ ދައްކަމުން ދިޔަ ކުންފުންޏެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި އައިލެންޑް އޭވިއޭޝަނަކީ މި ސަރަހައްދުގައި ވެސް އޮތް އެތެރޭގެ ދަތުރުފަތުރުގެ އެއް ވަނަ އެއާލައިން ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރު އައިފަހުން އެކަން ވެސް ބަދަލުވެފައިވާ ކަމަށާއި ކުރިން ފައިދާ ނެރެމުންދިޔަ ކުންފުނި މިހާރު ހިންގަން ޖެހެނީ ގެއްލުމުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ބޭނުންކުރަމުން އަންނަ ބޯޓު ފަހަރުގެ އަދަދު ވެސްމަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ ނަތީޖާއަކީ އެތެރޭގެ އުދުހުންތަކުގައި މިހާރުނަގާކިޔަނީ އަމިއްލަ އެއާލައިންތައްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ދިއްދޫ މީހުން މިހާރުގިނައިން ބޭނުންކުރަމުން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. މި އެއާޕޯޓަށް ދިއުމަށް ނަގަނީ 15 ވަރަކަށް މިނެޓެވެ.

މި ސަރުކާރުން ވަނީ ހޯރަފުށީގައި ވެސް އެއާޕޯޓެއް ތަރައްގީ ކޮށްފަ އެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ދާދި ފަހުން ވަނީ އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްފަ އެވެ.