ހދ.މަކުނުދޫ ޔޫތު މޫވްމެންޓް (މީމް) ޖަމިއްޔާއިން އޯގަނައިޒްކޮށް، އެ ރަށުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ކުލަބް ޖަމިއްޔާތަށް ގުޅިގެން، ޕާކިސްތާނުގައި ފެންބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފައިސާ ހޯދުމަށް "ދިލްޗާހްތާހޭ" ގެ ނަމުގައި ފަންޑްރައިޒިން އިވެންޓެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ޕާކިސްތާނަށް ކުރި މޫސުމީ ވިއްސާރައިގައި ގިނަ ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި ވަނީ އެތައް ބަޔަކު މަރުވެފައެވެ. އަދި އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލި ކާނެބޯނެ އެއްޗެއް ނުލިބި ހާލުގައި ޖެހިފައެވެ. މަކުނުދޫގައި "ދިލްޗާހްތާހޭ" ހަރަކާތުގެ މަޤުޞަދަކީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ފައިސާ ހޯދުމެވެ.

Ad
rt

މިދިޔަ ހުކުރު ދުވަހު ފެށި ފަންޑްރައިޒިން މި ހަރަކާތަކީ ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތެކެވެ. މި ހަރަކާތާއި ގުޅުވައިގެން ތަފާތު އިވެންޓްތައް މަނުކުނުދޫގައި ދަނީ ހިންގަމުންނެވެ. މިގޮތުން ރަށުގެ މުއައްސަސާތަކާއި މިސްކިތްތަކާއި އަދި އިވެންޓްތައް ހިންގާ ތަންތަނުގައި ފަންޑް ފޮށި ބަހައްޓައިގެން ފައިސާ އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އުރުދޫ ބަހުން "ދިލްޗާހްތާހޭ" ގެ މާނައަކީ ހިތް އެދެނީ އެވެ. މި ހަރަކާތާއި ގުޅުވައިގެން މުޅި މަކުނުދޫ ބުނަމުން އަންނަނީ ހިތުގެ ލޯތްބާއި އެހީ ޕާކިސްތާނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އަބަދުވެސް ދޭނެ ކަމަށެވެ. އަދި އަބަދުވެސް އެކުގައި ވާނެ ކަމަށެވެ.

"ދިލްޗާހްތާހޭ" ގެ ނަމުގައި ހިންގާ މި ހަރަކާތުގައި ހިމަނައިގެން މަކުނުދޫގައި ވަނީ ޝެއިޚް އާޒިމް ޚާލިދުގެ ދަރުސްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން މަކުނުދޫ ޔޫތު މޫވްމެންޓްގެ ރައީސް އަޝްފާޤް އާދަމް ވިދާޅުވެފައި ވަނީ ޕާކިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަފްތާއެއްގެ މުއްދަތަށް ހިންގާ މި ހަރަކާތުގެ ނަމަކަށް "ދިލްޗާހްތާހޭ" ފަދަ ތަފާތު ނަމެއް ބޭނުން ކުރުމުގެ މަޤުޞަދަކީ ވީހާވެސް ބޮޑަށް މީހުންގެ ސަމާލުކަން ހޯދުން ކަމަށެވެ.

އެކަށީގެންވާ ތަރުހީބެއް މި ހަރަކާތައް ލިބެމުން އަންނަކަން ފާހަގަ ކުރަމުން އަޝްފާޤް ވިދާޅުވެފައި ވަނީ، އުންމީދަކީ މި ހަރަކާތުން އެއްކުރެވޭ ފައިސާއިން މަދުވެގެން 2000 ބަތް ބާރުސަލް ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށް ދިނުން ކަމަށެވެ. މި އެހީ ޕާކިސްތާނަށް ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މެދުވެރިކޮށެވެ.

އަޝްފާޤް އިތުރަށް ވިދާޅުވެފައި ވަނީ މި ހަރަކާތް ނިންމާލުމުގެ ގޮތުން މާދަމާ ހަވީރު ހާއްސަ އިވެންޓެއް މަކުނުދޫގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެ އިވެންޓްގައި ލިބުނު ފައިސާގެ ތަފްސީލް ވެސް ހާމަ ކުރާނެ ކަމަށެވެ.

މަކުނުދޫ ޔޫތު މޫވްމެންޓަކީ 2017 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެކެވެ. އެ ކަމިއްޔާގެ މަޤުޞަދުތަކުގެ ތެރޭގައި އެ ރަށުގައި ދީނީ ކަންކަމާއި އިޖުތިމާޢީ ކަންކަމާއި ކުޅިވަރާއި ތަޢުލީމު ކުރިއެރުވުން ވަފަދަ މަޤޫޞަދުތައް ހިމެނެއެވެ. ނަމަވެސް މަކުނުދޫ ޔޫތު މޫވްމެންޓް ބޮޑަށް ފާހަގަ ކުރެވިގެންދަނީ އެ ރަށުގައި ގިނަ ދީނީ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެއްގެ ގޮތުގައެވެ.

ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން މި ހިނގާ އޮކްޓޯބަރ މަހު ކުރީކޮޅު މީޑިއާތަށް ގުޅިގެން ވެސް ވަނީ ޓެލެތޯނެއް ބާއްވައި ގިނަ އަދަދެއްގެ ފައިސާ އެއްކޮށްފައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކިރަށް ރަށުގައި ޕާކިސްތާނަށް އެހީތެރިވުމަށް ފަންޑްރައިޒް ހަރަކާތްތައް ވަނީ ހިންގާފައެވެ.