މިއަދުވެސް މޫސުން ގޯސް ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މި ބުލެޓިންގ ގައި ވިދާޅުވެފައިވަނީ މެދުރާއްޖެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

Ad
rt

އެ އިދާރާއިން ވަނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރައްވާފަ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ވެސް ވަނީ ލަފާކުރައްވާފަ އެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު، އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ އަތޮޅުތަކުގައި ވެސް އާދައިގެވަރަކަށް ގަދަވާނެކަމަށް ލަފާކުރައްވާފައި ވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރައްވާފައި ވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގަ އެވެ.

އެހެންވެ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.