ފްރާންސްލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފިއެވެ.
މީ އެންމެފަހުން ޕީއެސްޖީ ކުޅުނު ތިން މެޗު އެއްވަރުވުމަށްފަހު ހޯދި މޮޅެކެވެ. އެއްވަރު ވެފައިވަނީ ޗެމްޕިއަންސްލީގުގައި ބެންފިކާއާއި ދެކޮޅަށް ކުޅުނު ދެމެޗާއި ލީގުގައި ރެއިމްސް އާއި ދެކޮޅަށް ކުޅުނު މެޗެވެ.
އާދީއްތަ ދުވަހުގެރޭ ޕީއެސްޖީ ދަނޑުގައި މާސޭ އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ހަމަ އެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ނޭމާ އެވެ. ނޭމާ މި ގޯލު ކާމިޔާބު ކުރީ އެމްބާޕޭ ދިން ބޯޅައަކުންނެވެ. މި ގޯލު ކާމިޔާބު ކުރުމުގެ ކުރިން މެޗުގެ 35 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހަމަލާއެއްވަނީ ގޯލުގެ ހުރަސް ދަނޑިއާއި އަމާޒުވެފައެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ނޭމާއަށް ކުރި ފައުލަކާއި ގުޅިގެން ސެމިއުލް ޖިގޮޓް އަށްވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވައިލާފައެވެ.
ދެ ޓީމުގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ޕީއެސްޖީއިންވަނީ މާސެލްގެ ގޯލާއި އަމާޒުކޮށް 10 ހަމަލާއެއް ފޮނުވައިލާފައެވެ. މާސެލްއިންވަނީ ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް 7 ހަމަލާއެއް ފޮނުވައިލާފައެވެ.
ލީގުގައި މާސެލް ދަނޑުގައި މި ދެޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންނައަހަރު ފެބުރުއަރީ މަހުގެ 26 ވަަނަ ދުވަހުއެވެ.
މި ނަތީޖާއާއި އެކު ކުޅުނު 11 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލުގެއެއްވަނައިގައެވެ. 11 މެޗުން ލިބުނު 23 ޕޮއިންޓާއެކު މާސެލް އޮތީ ތާވަލުގެ 4 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!