ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ލަސްނުވެ ފަށާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދީފި އެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، މިހާރު ޔުނެއިޓެޑް އެރެބް އެމިރޭޓްސް (ޔުއޭއީ)އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އޭޑީއެފްޑީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީ އާއި ވަނީ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭޑީއެފްޑީގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
މި މަޝްވަރާގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުކަން ހާމަކުރައްވައި، އެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ލަސްނުވެ ފަށައިގަނެވޭނޭ ކަމުގެ ޔަގީންކަން އޭޑީއެފްޑީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީގެ ފަރާތްޕުޅުން ލިބިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައެވެ. ނ. އަތޮޅުގެ ބައެއް ރަށްރަށަށް ޖެނުއަރީ މަހުގެ ކުރީކޮޅު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޖެނުއަރީ ހަތަރު ވަނަ ދުވަހު މާފަރަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެއާޕޯޓު ބޮޑުކޮށް، ހިދުމަތްތައް އިތުރު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. އަދި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ބިޑް މަރުހަލާގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލުކޮށް، އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ ތެރެއިން ރަންވޭ އާއި ޓާމިނަލްގެ ޖާގަ ވެސް ބޮޑު ކުރެވިގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެއާޕޯޓުން ފްލައިޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެއްސުމަށް ރާވައިފައިވާ ކަމަށް ވިދާޅުވިއެވެ.
ސިންގްޕޫރުގެ ޓަފް ކުންފުންޏާ ހަވާލު ކޮށްގެން ހެދި މި އެއާޕޯޓުގައި ޓާމިނަލް އާއި މި ނޫން ވެސް ވަސީލްތައް ގާއިމުކޮށްފައިވާއިރު، އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ.
މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!