ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި "އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022" ގެ ޗެމްޕިއަންކަން ހޯރަފުށީ ބާވީސް ސްޓްސް ކުލަބުން ހޯދައިފިއެވެ.

މިއަދު ހަވީރު ހޯރަފުށީގައި ކުޅުނު ފައިނަލް މެޗު، ފޯރިގަދަ ވާދަވެރި ކުޅުމަކަށް ފަހު ބާވީސް ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 13-12 އިން ޓީމް މާރަންދޫ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓީމް ބާވީސް ސްޕޯޓްސް ކުލަބުގެ ގޯލު ކީޕަރު ނަސްމާ ނޫރައްދީނެވެ.

Ad
rt

ހޯރަފުށީ ކައުންސިލްގެ ސެކެއްޓްރީ ޖެނެރަލް މުޙައްމަދު ޝާކިރު ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗު ނިމުމާއިއެކު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާޓު ބާއްވައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓޮރޮފީއާއި މެޑަލް ވަނީ ހަވާލު ކޮށްފައެވެ.

މުބާރާތުގެ ރަނަރަޕްކަން ހޯދި، ޓީމް މާރަންދޫ

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން

ފާތިމަތު ޖުނާ – ހޯރަފުށީ އެއާޕޯޓް

ފާތިމަތު ޝިފާނާ – ޓީމް މާރަންދޫ

އައިމިނަތު ރިޝްތާ – ޓީމް މާރަންދޫ

މަރިޔަމް މާޔާ – ބާވީސް ސްޕޯޓްސް ކުލަބް

ހުސްނާ މުޙައްމަދު – ބާވީސް ސްޕޯޓްސް ކުލަބް

ރުނާ އިބްރާހީމް - ބާވީސް ސްޕޯޓްސް ކުލަބް

ނަސްމާ ނޫރައްދީން – ބާވީސް ސްޕޯޓްސް ކުލަބް

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހޯރަފުށީ އެއާޕޯޓް ޓީމުގެ ޖުނާއެވެ. އޭނާ ވަނީ ޖުމްލަ 47 ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބުގެ ކޯޗް މައުމޫން އަބްދުއްސައްތާރު (މާނު) އެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ މާރަންދޫއެވެ.

ޗެމްޕިއަން ޓީމް، ބާވީސް ސްޕޯޓްސް ކްލަބް

އާރުވީ ސްޕޯޓްސް އެކަޑަމީ ރަޖިސްޓަރީ ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އެކަޑަމީގައި މިހާރު ވެސް ދެ އުމުރުފުރާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ތަމްރީންތައް ހަދަމުންނެވެ. އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިންގާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަދުވަސް ވެފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އޮންލައިން ނިއުސްއެވެ.