ހއ. ދިއްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑުން ހިންގި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮކްޓޫބަރު 12 ވަނަ ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

Ad
rt

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނާޒިމެވެ.

މި ޕްރޮގްރާމް ހިންގުމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓްގެ ސިފައިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހއ. ދިއްދޫ ކައުންސިލުގެ ރައީސް، ޢަބްދުﷲ ރަޝީދެވެ.

ދިއްދޫގެ ރަށު ކައުންސިލާއި އެ ރަށު ރައްޔިތުންގެ އެހީތެރިކަމާއެކު، އޮކްޓޫބަރު 4 އިން އޮކްޓޫބަރު 12 އަށް ހިންގި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމުގައި 20 ފަރާތަކުން ބައިވެރިވިއިރު، 18 ފަރާތަކުން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.

ދިއްދޫން ދެ ޖިންސުގެ މީހުން ވެސް ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާން ރޯވުމަށް ދިމާވާ ސަބަބުތަކާއި، އަލިފާން ރޯވެއްޖެނަމަ ނިއްވާނޭ ގޮތްތައް ހިމެނެ އެވެ. އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތައް އަމަލީގޮތުން ބޭނުންކުރަން ވެސް ވަނީ ދަސްކޮށްދީފަ އެވެ.