ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 29 އިންސައްތައިިގެ ދަށްވުމެކެވެ. ނަމަވެސް، އެއީ އެ މަހަށް އަންދާޒާ ކުރި ވަރަށް ވުރެ 11 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad
rt

މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާ އަށް ލިބިފައި ވަނީ 1.9 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

މީރާއިން ބުނިގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ ދަށްވީ، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ނެގޭ ކުއްޔާއި އިންކަމް ޓެކުހުން ލިބުނު އާމްދަނީ ދަށްވުމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ހުށަހެޅުމާއި ފައިސާ ދެއްކުމުގެ މުއްދަތު އެ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކުރި ކަމަށާއި މި އަހަރު އެ މުއްދަތު ފަސްނުކޮށް، ޖުލައި މަހު ހަމަވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި މިދިޔަ މަހު ދަށްވީ، މި އަހަރުގެ ހަތަަރު ވަނަ ކުއާޓަރުގައި ކުލި ދައްކަން ޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވުމުން މި މަހަށް އެ މުއްދަތު ފަސްކުރުމުންނެވެ.

މިދިޔަ މަހަށް އަންދާޒާކުރި އާމްދަނީ އަށް ވުރެ ލިބުނު އާމްދަނީ އިތުރުވީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އާއި ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޓީޖީއެސްޓީ އަދި ޖީޖީއެސްޓީ ނެގުން ބޮޑުތަނުން އިތުރުވުމުން ކަމަށް މީރާ އިން ބުނެއެވެ.

މީރާއިން ބުނިގޮތުގައި، މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ޖުމްލަ އާމްދަނީގެ 45.6 އިންސައްތަ ހިއްސާކުރަނީ ޖީއެސްޓީންނެވެ.