ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022" ގެ ލީގު ބުރުގެ ފަހު މެޗުތަކުގައި ބާވީސް ސްޕޯޓްސް ކުލަބާއި ފްރިގޭޓާ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ހޯރަފުށީ އެއާޕޯޓުން އިމަގު ބަލިކޮށްފިއެވެ.

މި މުބާރާތުގައި ފަސް ޓީމެއް ވާދަކުރިއިރު، މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. އިއްޔެގެ މެޗުތައް ނިމުނު އިރު މުބާރާތުގެ ފައިނަލުން ބާވީސް ސްޕޯޓްސް ކުލަބާއި ޓީމް މާރަންދޫއަށް ޖާގަ ޔަޤީންވެފައި ވީ ނަމަވެސް މިއަދު ނަތީޖާތަކާއި ގުޅިގެން ތާވަލުގެ ވަނަތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

Ad
rt

މިގޮތުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރު ކޮށްގެން ލިބުނު 10 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ ހޯދީ ބާވީސް ސްޕޯޓްސް ކުލަބުންނެވެ. ދެވަނަ މާރަންދޫ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއްމެޗުން ބަލިވެ ލިބުނު 9 ޕޮއިންޓާއި އެކުގައެވެ. ތާވަލުގެ ހަތަރުވަނާގައި ހޯރަފުށީ އެއާޕޯޓް ޓީމް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 6 ޕޮއިންޓާއި އެކުގައެވެ. ހަތަރުވަނާގައި ފްރިގޭޓާ އޮތްއިރު ތާވަލުގެ ފުލުގައި އޮތީ އިމަގެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އިމަގާއި ހޯރަފުށީ އެއާޕޯޓެވެ. މި މެޗު 18-9 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ހޯރަފުށީ އެއާޕޯޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެއާޕޯޓް ޓީމްގެ ޖޯޒީ ނަމްބަރު 11، ޖުނާއެވެ.

މިއަދުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބާއި ފްރިގޭޓާއެވެ. މި މެޗު ނިމިފައި ވަނީ 12-12 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފްރިގޭޓާ ޓީމްގެ ޖޯޒީ ނަމްބަރު 15، ރަމްޒިއްޔާއެވެ.

ޓީމް މާރަންދޫއާއި ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ހަވީރު ހޯރަފުށީގައެވެ.

މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާރުވީ ސްޕޯޓްސް އެކަޑަމީ ރަޖިސްޓަރީ ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އެކަޑަމީގައި މިހާރު ވެސް ދެ އުމުރުފުރާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ތަމްރީންތައް ހަދަމުންނެވެ. އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިންގާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަދުވަސް ވެފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އޮންލައިން ނިއުސްއެވެ.