ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022" ގެ ފައިނަލުން ޓީމް މާރަންދޫއާއި ބާވީސް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ.
މި މުބާރާތުގެ ދެ މެޗު މިއަދު ހަވީރު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފްރިގޭޓާއާއި މާރަންދޫއެވެ. މި މެޗު 16-8 ކާމިޔާބު ކޮށްފައި ވަނީ މާރަންދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާރަންދޫ ޓީމްގެ ޖޯޒީ ނަމްބަރު 7، ޝިފާނާއެވެ.
މިއަދުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ހޯރަފުށީ އެއާޕޯޓާއި ބާވީސް ސްޕޯޓްސް ކުލަބެވެ. މި މެޗު 11-10 އިން ކާމިޔާބު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު 11، ރުނާއެވެ.

މި މުބާރާތުގައި ބާކީ ދެމެޗު އޮތް ނަމަވެސް މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މާރަންދޫއަށާއި ބާވީސް ސްޕޯޓްސް ކުލަބަށް ވަނީ 9 ޕޮއިންޓް ލިބިފައެވެ. ދެން އޮތް ތިން ޓީމްގެ ތެރެއިން ހޯރަފުށީ އެއާޕޯޓާއި ފްރިގޭޓާއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ތާވަލުގެ ފުލުގައި އޮތް އިމަގަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު މާދަމާ ހަވީރު ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިމަގާއި ހޯރަފުށީ އެއާޕޯޓެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ބާވީސް ސްޕޯޓްސް ކުލަބާއި ފްރިގޭޓާއެވެ.
މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އާރުވީ ސްޕޯޓްސް އެކަޑަމީ ރަޖިސްޓަރީ ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އެކަޑަމީގައި މިހާރު ވެސް ދެ އުމުރުފުރާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ތަމްރީންތައް ހަދަމުންނެވެ. އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިންގާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަދުވަސް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!