ށ. ފުނަދޫ ވޮލީ ކޯޓު އަޅާ ބިމާމެދު ރައްޔިތުންނާއި ކައުންސިލާމެދު ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި މަސައްކަތް ނުނިމި ލަސްވަނީ ބިން ފާސް ނުވެގެންނެއް ނޫން ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.
އެ ކައުންސިލުން މިހެން ވިދާޅުވީ އޮކްޓޯބަރ 4 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފު އާ ސުވާލު ކުރެއްވުމުގައި ފުނަދޫ ކައުންސިލު ބަދުނާމުވާގޮތަށް ކަމުގެ ހަގީގަތް އޮޅުވާލައިގެން ވާހަކަދައްކަވާފައިވާކަމަށް ބުނެ، އެކަން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނުގަ އެވެ.
އެ ބަޔާނުގައި ވަނީ އެރަށު ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓުގެ މަސައްކަތް ނުނިމި މިހާ ދިގު މުއްދަތެއް ވޭތުވެދިއުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިއީ ރަށުގެ ތަރައްގީއަ ޒުވާނުންނާ ގުޅުންހުރި ކަމެއް ކަމުން މިކަން މިގޮތަށް ދިގުދެމިގެން ދިއުމަކީ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މިކަމުގެ ސަބަބުން ފުނަދޫގެ ތަރައްގީއަށް ހުރަސްއެޅި، ޒުވާނުންނަށް ހުރި ކުޅިވަރުގެ ފުރުސަތުތައް ގެއްލި ޒުވާނުންގެ ނުހަނު ކަންބޮޑުވުން ތަކުރާރުކޮށް ފުނަދޫ ކައުންސިލާ ހިއްސާކުރަމުން އަންނަކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ އިތުރު ވަގުތުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާޙިދު، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަޚްލޫފާއި ކުރެއްވި ސުވާލު:
''ޝުކުރިއްޔާ ރައީސް، ފުނަދޫ، ށ. ފުނަދޫ ފުޓްބޯޅަ ދަނޑަކީ، ވަރަށް ގިނަ މަސައްކަތުން ވެލި އެޅި، ކައުންސިލްގެ އެއްބާރުލުމެއް ނުލިބި، ވަރަށް ގިނަ ކަންކަން ނުކުރެވިގޮސް މިއަދު އެ އޮތީ ވެލި އެޅިފައި، ވެލި އެޅުނުއިރު އަދި ޓާފް އެޅޭނެ ގޮތެއް ނެތް، ޓާފްތައް އެބަހުރި ލިބިފައި، އެކަމަކު ކޮންޓެކްޓަރު އަދި ނާރާ، އެ މައްސަލަ އޮތް ގޮތެއް ސާފުކޮށްލަ ދެއްވުން އެދެން، ހަމައެގޮތައް ރުއްތަކެއްގެ މައްސަލަޖެހިގެން ށ. ފުނަދޫ ވޮލީ ކޯޓު ވެސް އޮތީ، ހަމަ ވަކި ކޮޅަކަށް ނުޖެހި، ދެން މިހާރު އަޅުގަނޑު ހިތުން، މިނިސްޓްރީއަށް އެބައޮތް އެކަން ކުރުމުގެ ފުރިހަމަ ބާރު، ކައުންސިލުން އެއްކޮށް އެއޮތީ ނެއްޓިފައި، އެކަމަކު މިހުރިހާ ދުވަހު ކައުންސިލުން އެއްބާރުލުން ދީފައި ނެތްކަން އެއީ މިހާތަނަށް ލަސްވާންޖެހުނު ސަބަބުކަން އެނގޭ، އެކަންތައް އޮތް ގޮތްވެސް ސާފުކޮށްލަ ދެއްވުން އެދެން'' - މެންބަރު ޝާހިދު -
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ އެރަށުގެ "ހެލޯ ފްރެޝް" ކުރިމަތީގައިވާ ގްރީން އޭރިއާ ގައި މިހާރުވެސް ވޮލީކުޅޭ ބިމުގައި ވޮލީ ކޯޓު އެޅުމަށާއި ވޮލީކޯޓުގެ މިން ހަމަކުރުމަށް އިތުރުކުރަންޖެހޭ ބަޔަށް ރުއްގަސް އަރާނަމަ، އެ ރުއްގަހަށް ކައުންސިލުން ބަދަލުދޭގޮތަށް ފުނަދޫ ކައުންސިލުގެ 2022 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 50 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.
"ވުމާއިއެކު ވޮލީކޯޓު އެޅުމުގެ މަސައްކަތް ނުނިމި ލަސްވެގެންދާ ދިއުމަކީ ބިން ސާފުނުވެގެން ލަސްވާ ލަސްވުމެއް ނޫން ކަމުގައި ދަންނަވަމެވެ. އަދި މިއީ ފުނަދޫ ކައުންސިލާއި ރައްޔިތުންނާއި ޚިޔާލު ތަފާތުވެފައިވާ ކަމެއް ނޫން ކަމުގައިވެސް ދަންނަވަމެވެ. އަދި ކައުންސިލުގެ 50 ވަނަ ޖަލްސާއިން ނިންމާފައިވާ ނިންމުމަކީ ކައުންސިލުގެ 5 މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެއް ކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ." ކައުންސިލުގެ ބަޔާނުގައި ވެއެވެ.
އެ ކައުންސިލުގެ ނޫސް ބަޔާނުގައި ވަނީ މިއީ މި މައްސަލައިގާ މިފަދަ މޭރުމަކުން ފުނަދޫ ދާއިރާގެ މެމްބަރު، މަޖިލީހުގައި ކައުންސިލާއި ފުނަދޫ ރައްޔިތުންގެ އަގުވެއްޓޭގޮތަށް ސުވާލުކުރައްވާފައިވާ ދެވަނަ ފަހަރުކަން ފާހަގަކޮށް، ކަން އޮތްގޮތުގެ ހަގީގަތް އޮޅުވާލައިގެން ސުވާލުކުރައްވާފައިވާކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ފުނަދޫ ދާއިރާގެ މެމްބަރުގެ މި އަމަލަކީ ސިޔާސީގޮތުން ކުރެއްވި ވަރަށް ފިނޑި ލަދުވެތި އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ ފުނަދޫގެ ތަރައްގީއަށް ސަރުކާރުގެ އިދާރާއަކުން މިހާތަނަށް ކުރަން ބޭނުންވި އެއްވެސް ކަމަކަށް ކައުންސިލުން ހުރަސް އަޅާފައި ނުވާނެ ކަމަށާއި، އެކަން އެރަށު ރައްޔިތުން ދަންނާނެކަމަށް ވެސް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!