އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހައިލި ހާދިސާގައި ގެއްލުނު އައްޑޫ ސިޓީ، ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

މި ހާދިސާއާއި ގުޅިގެން ގެއްލުނު މިންހާޖު ހޯދުމަށް 87.6 ސްކޮޔާ މޭލު މިހައިތަނަށް ބަލާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފި އެވެ.

Ad
rt

ފުލުހުން ވިދާޅުވީ މިހައިތަނަށް ހޯދި ހޯދުމުން މިންހާޖު ފެނިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ، މިންހާޖު ހޯދުމަށް އެ އިދާރާއިން ކުރިއަށްގެންދާ ސާޗް އޮޕަރޭޝަންގައި ވައިގެމަގުން 750 ސްކޮއާ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 270 ސްކޮއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައި ވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދާ މުޙައްމަދު މިންހާޖު އަކީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަ ކުރަށްވައެވެ.

މިންހާޖު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެފައި ވެއެވެ.

މި ހާދިސާގައި ސަލާމަތްވި މީހާ އިތުރުފަރުވާއަށް މާލެ ގެނެސް، ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މި އޮކްޓޯބަރ މަހުގެ 7 ވަަނަ ދުވަހު މެންދުރު އެކެއްޖަހާކަންހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ލޯންޗު ފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިވިފައިވާ ކަމަށާއި އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ އއ. މާޅޮސް ކައިރިން ފެނިފައިވާއިރު، ސަލާމަތްވި މީހާ ފެނިފައިވަނީ ފެރިދޫ ފުއްޓަރާ ދިމާއިން ނެވެ.

އެމްއެންޑީއެފް އިން ވަނީ ގެއްލުގެން ހޯދަމުންދާ މިންހާޖު އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުމަށް އެދިފަ އެވެ.