މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގޮވައިލާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ހަވީރު އިހުތިޖާޖެއް ބާއްވަން ނިންމައިފި އެވެ.

އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ.

Ad
rt

އޭނާ ވިދާޅުވީ މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބާއްވާ މި އިހުތިޖާޖު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު މަސް މާރުކޭޓު ސަރަހައްދު ގައި ކަމަށެވެ. އަދި އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ވަރަށް ގިނަ ވައުދުތަކެއް މަސްވެރިންނަށް ވެފައިވާ ކަމަށެވެ.

އެހެންނަމަވެސް މަސްވެރި އާއިލާތައް ނިކަމެތިވަމުންދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމާއި މަސްވެރީންނަށް ޚާއްސަ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމާއި ތެލުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއްކަމަށެވެ. އެކަމަކު މި ވެރިކަމަށް ހަތަރު އަހަރު ފުރެންދާއިރު މަސްވެރި އާއިލާތައް ދަނީ ދުވަހެއް ދުވަހަކަށް ނިކަމެތިވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ މަޑުން ތިބެގެން ވާކަށް ނެތް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.