ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް 2022" ފަށައިފިއެވެ.

މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހަތަރު ޓީމެކެވެ. އެ ޓީމްތަކަކީ އިހަވަންދޫ ޕޮލޮސްޓޭޝަނާއި، ފެނަކައިގެ އިތުރުން އިހަވަންދޫ ކައުންސިލާއި ކޯޓާއި އެމްޓީސީ އެއްކޮށްލައިގެން ހަދާފައިވާ ކޮމްބައިން ޓީމް (ސީއެމްސީ) އަދި އިހަވަންދޫ ސްކޫލާއި މަރުކަޒު އެއްކޮށްލައިގެން ހަދާފައިވާ ކޮމްބައިން ޓީމެކެވެ.

Ad
rt

މުބާރާތުގެ ކުޅުން ރޭ އިހަވަންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރަން އޮތީ ފެނަކައާއި ޕޮލިހެވެ. ނަމަވެސް ފެނަކަ ޓީމުން މެޗަށް ހާޟިރުވެފައި ނުވާތީ، އެ މެޗުން ޕޮލިސް މޮޅުވިކަމަށް ވަނީ ކަނޑައަޅާފައެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސީއެމްސީއާއި އައިއެސް-އޭޑީއެޗްސީއެވެ. މި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެމްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ސީއެމްސީގެ ހުސެއިން ޝަރީފެވެ.

ސީއެމްސީއާއި އައިއެސް-އޭޑީއެޗްސީގެ މެޗަށް ދެ ޓީމު ތައްޔާރުވެފައި، ފޮޓޯ: އިހަވަންދޫ ކައުންސިލް

މި މުބާރާތުގެ ދެ މެޗު މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި މިރޭ 20:15 ގައި ބައްދަލުކުރާނީ ފެނަކައާއި އައިއެސް-އޭޑީއެޗްސީއެވެ. ދެވަނަ މެޗުގައި މިރޭ 21:15 ގައި ބައްދަލުކުރާނީ ޕޮލިހާއި ސީއެމްސީއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުންފުނިތަކާއި ސަރުކާރު މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި އިޖުތިމާއީ ރޫޙް އާލާކޮށް އެކުވެރި ރޫހެއްގައި މަސައްކަތް ކުރުމުގެ ރޫޙް އާލާކޮށް، އޮފީސްތަކުގެ މުވައްޒަފުންނަކީ ނަސްފާނީ އަދި ޖިސްމާނީ ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.