މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑްޔޫޒް ޕްލޭން ނިމިގެން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕަލެޓުތައް އެކިފަހަރުމަތިން ނަގަމުން އަންނަކަމަށާއި އެހެނަސް އެކަމުގައި ދެކޮޅަށް ވިސްނަންޖެހޭ ކަމަށެވެ.
ޕަލެޓުތައް ނެގުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި އެހެންނަމަވެސް އާންމު ރައްޔިތު މީހާއަށް ވެސް ފަސޭހަވާނެ ގޮތްތައް ވިސްނަންޖެހޭ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ޕަލެޓުތައް ބަހައްޓަނީ އެމީހަކު ދިރިއުޅޭ ގޭ ކައިރީގައި އެމީހެއްގެ ވެހިކަލް ބަހައްޓަންކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ޕަލެޓުތައް ނެގުމުން އެމީހުންނަށް ވާނޭ ދަތި، އުނދަގޫތަކަށް ވެސް ބަލަން ޖެހޭ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ނިމުމާއި އެކު އެ ހުރިހައި ކަމަކަށް ހައްލު ލިބޭނެ ކަމަށާއި އެ ޕްލޭން ގައި ޕާކިންގ ނިޒާމު ވެސް އެކުލެވޭ ކަމަށެވެ.
މާލޭގައި އެއްގަމު އުޅަނދު އިތުރުވެ، ޕާކު ކުރާނެ ޖާގަ ނެތުމަކީ ހައްލުނުވެ، ދިގުލަމުންދާ މައްސަލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!