ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022" ފަށައިފިއެވެ.

މި މުބާރާތް އިއްޔެ ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބާއި ޓީމް މާރަންދޫއެވެ. މި މެޗު 14-13 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު 11 ރުނާއެވެ.

Ad
rt

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްސީ ފްރިގޭޓާއާއި އިހަވަންދޫ އިމަގެވެ. މި މެޗު 11-4 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ފްރިގޭޓާއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރިގޭޓާގެ ޖޯޒީ ނަމްބަރު 11 އައިޝަތު ޝާލީއެވެ.

މި މުބާރާތުގެ ދެ މެޗު މިއަދު ހަވީރު ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހޯރަފުށީ އެއާޕޯޓާއި އެފްސީ ފްރިގޭޓާއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ އިމަގާއި ޓީމް މާރަންދޫއެވެ.

މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އޮންލައިން ނިއުސްއެވެ.

ފޮޓޯ: "އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022″ ފެށުމުގެ ރަސްމިއްޔާތު | Thiladhun

އާރުވީ ސްޕޯޓްސް އެކަޑަމީ ރަޖިސްޓަރީ ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އެކަޑަމީގައި މިހާރު ވެސް ދެ އުމުރުފުރާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ތަމްރީންތައް ހަދަމުންނެވެ. އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިންގާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަދުވަސް ވެފައެވެ.