މުއްސަނދިންގެ އަތުން ނަގަމުންދާ އިންކަމް ޓެކްސް އިތުރުކުރަން ތާއީދުކުރަން: ރިޔާޟް

Abdulla Riyaz

މުއްސަދިންގެ އަތުން މިހާރު ނަގަމުންދާ އިންކަމް ޓެކްސް އިތުރުކުރުމަށް ތާއީދުކުރައްވާކަމަށް ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރ ކަން ވެސް ކުރައްވާފައިވާ ރިޔާޟް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅިފައިވާ، "މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު" އަށް އިޞްލާޙު ގެނައުމަށް ހުށަހެޅިފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

ރިޔާޟް ވިދާޅުވީ، އާންމު ރައްޔިތުންގެ އަތުން މިހާރު ނަގަމުންދާ ޓެކުހަށް ބަދަލު ގެނެސް, ނަގަމުންދާ އަދަދު އިތުރުކުރުމުން އެމީހުން އިތުރަށް ފަޤީރުވެގެންދާނެ ކަމަށާއި, ނިކަމެތި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިޞްލާޙަށް ތާޢީދު ނުކުރައްވާ ކަމަށެވެ.

އައިއެމްއެފް އިން އެންމެ ފަހުން އާއްމުކުރި ރިޕޯޓުގައިވާ ފަދައިން ސަރުކާރުގެ ޚަރަދުތަށް ކުޑަކޮށް ލިބޭ އާމްދަނީ އެންމެ ހެޔޮގޮތުގައި މެނޭޖްކުރަން ޖެހޭނެ ކަމަށާއި، އަދި ޓެކުހުގެ އަދަދު ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާކަން ފާހަގަކުރައްވައި, ސަރުކާރުން ކުރަމުންގެންދާ ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ވެސް މެމްބަރު ރިޔާޟް ސަރުކާރާށް ގޮވައިލައްވާފައިވެ އެވެ.

އެމްއެންޕީން ވަކާލާތުކުރަނީ ފަގީރުންނާއި މުއްސަދިންނާއި ދެމެދު ވާ ފަރަގު ކުޑަކުރުމަށްކަން ފާހަގަކުރައްވައި, ރިޔާޒު ވިދާޅުވީ މުއްސަދިންގެ އަތުން މިހާރު ނަގަމުންދާ އިންކަމް ޓެކްސް އިތުރުކުރުމަށް ތާއީދުކުރައްވާކަމަށާއި މި ފަރަގު ކުޑަކުރެވޭނީ ތަނަވަސް މީހުން އަތަން ނަގަމުންދާ ޓެކްސް އިތުރުކުރެވިގެން ކަމަށެވެ.

ޕީޖީ ލީޑަރ ރިޔާޟް އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުން ވެސް މަދުވެގެން އަހަރެއްގެ ދުވަސް ކަންކަން ޕްލޭން ކުރަން ބޭނުންވާ ކަމަށާއި, އިންވެސްޓަރ ކޮންފިޑެންސް ގެއްލޭގޮތަށް ކުއްލި ކުއްލިއަށް ޓެކްސްއަށް ބަދަލު އަންނަގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަންވެގެންދާނެކަމަށް ޤަބޫލުނުކެރެވޭ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި